އިސްލާމީ އުސޫލުތަކަށް ކަމޭހިތާ، ގައުމު އިސްކުރާ ކުދިންތަކެއް ބޮޑުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަގުސަދުގައި ރާއްޖެ އިން ވަނީ މުހިންމު ބައިނަލްއަގުވާމީ މުއާހަދާތަކެއްގައި ބައިވެރިވެފައި ކަމަށެވެ. ކުޑަކުދީންނަށް ހިމާޔަތާއި ދިރިއުޅުމުގެ ފަހި ފުރުސަތުތަކަށްޓަކައި ބޭނުންވާނެ ގާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ގާއިމުކުރުމުގައިވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި ފުރިހަމަ ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޑަކުދީންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ރީތި ނަމޫނާ ދައްކައި ހެޔޮމަގަށް އެ ކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައި ދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށެވެ. އަދި ކޮންމެ ކުއްޖަކާމެދުވެސް ދަރިކުލުނާ އިމެއްމިނެއް ނެތް ތެދުވެރި ލޯތްބާއެކު މުއާމަލާތު ކުރަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުސޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ." ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުޑަކުދީންގެ ދުވަހެއްގައި، ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިހުސާސްތަކާއެކު ފަލަސްތީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދިން ތިބުމުން ހިތާމަވެރި އަސަރުވެސް ކުރުވާ ކަމަށެވެ.

"ހަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތައުލީމާއި، އާއިލީ ލޯބިން މަހްރޫމްވަމުން އެދާ މައުސޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެވެސް ދަރީންނެވެ." ރައީސް ވިދާޅުވިއެވެ.