މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ކެމްޕަސްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރެވޭނެ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައި ދެއްވައިފިއެވެ.

އެމްއެންޔޫއާއި އައިޖީއެމްއެޗްއާ ދެމެދު 2018 ވަނަ ހެދި އެއްބަސްވުމެއްގެ ދަށުން ދަރުމަންވަންތައިގެ އަށްވަނަ ފްލޯއާއި 14 ވަނަ ފްލޯ ވަނީ މެޑިސިން ސްކޫލުގެ ކެމްޕަސް ހިންގުމަށް އެމްއެންޔޫއަށް 10 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފައެވެ. ނަމަވެސް ދަރުމަންވަންތަ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރަން ކަމަށް ބުނެ އައިޖީއެމްއެޗް އިން ވަނީ އެއްބަސްވުން އުވާލައިފައެވެ.

އެއްބަސްވުން އުވާލުމުން ދަރުމަންވަންތަ ހޮސްޕިޓަލުގައި ހުރި ކެމްޕަސްގެ ވަސީލަތްތައް އެމްއެންޔޫއަށް ބަދަލުކުރަން ފެށިއެވެ. އެކަމާ ގުޅިގެން އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ރައީސް އޮފީހުގެ އިސްވެރިންނާ މިދިޔަ މަހުގެ 26 ވަނަ ބައްދަލުކުރައްވައިފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކިޔަވާ ކުދީންނާއި ގުޅުންހުރި ކޮންމެ ކަމެއްގައި އަދި ސިއްހީ ހިދުމަތުގެ ހާލަތު ރަނގަޅުކުރުމުގައި ދައުލަތުގެ އާމުދަނީއާއި ފުދުންތެރިކަމާއި ހާލަތު ތަން ދިން މިންވަރަކުން، ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސް ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ކުރިއަށް ގެންދަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ހަމަޖައްސަވައި ދެއްވައި، ކަމާބެހޭ އިދާރާތަކަށް މިއަދު އެކަން އަންގަވައިފި" ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން އިތުރަށް ބުނީ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތައުލީމު ހާސިލުކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު ދިރާސާތައްވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއްގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބަލި މީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ސިއްހީ އާ ހިދުމަތްތައް އެ ދެ ހޮސްޕިޓަލުގައި ތައާރަފު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.