މުސާރަ، އެލަވަންސް، ބޯނަސް، ހިއްސާގެ ފައިދާ، ޕެންޝަން ފައިސާ ފަދަ އެއް ފަހަރާ ގިނަ ފަރާތްތަކަކަށް ޖަމާކުރަންޖެހޭ ފައިސާ ފަސޭހަކަމާ އެކު ޓްރާންސްފާ ކުރެވޭ ގޮތަށް ބިޒްނަސް އިންޓަނެޓް ބޭންކިންއަށް ބަދަލު ގެނެސް، ބަލްކް ޕޭމަންޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން ބުނީ، އެ ހިދުމަތަށް ރަޖިސްޓްރީވުމުން، ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން އަދި ޔޫއެސް ޑޮލަރުން ބީއެމްއެލްގެ އެކި އެކައުންޓްތަކަށް އޮޓޮމެޓިކްކޮށް ބަލްކް ޕޭމަންޓް ހެދޭނެ ކަމަށެވެ.

އަލަށް ތައާރަފު ކުރި އެ ހިދުމަތާ ގުޅޭ ގޮތުން، ބޭންކުގެ ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރު އަހުމަދު އަސީފް ވިދާޅުވީ އެ ބަދަލާ އެކު އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކި ބާވަތުގެ ބަލްކް ޕޭމަންޓް ހެދުމާއި ޑުޕްލިކޭޓް ރިކޯޑްތައް ފާހަގަ ކުރުމާއި ވަކިވަކި ޕޭމަންޓްތަކުގެ ޕޭމަންޓް ސްޓޭޓަސް ބަލާލެވޭނެ ކަމަށެވެ.

"ޑިޖިޓަލައިޒް ކުރުމަކީ އަޅުގަނޑުމެންގެ ސްޓްރެޓަޖީގެ ވަރަށް މުހިންމު ބަޔެއް އަދި ބޭންކިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަސް، އަދި ހިދުމަތް ހޯދުމުގައި އެފަރާތްތަކުން ބޭނުންވާ ފަދަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނަން،" އަސީފް ވިދާޅުވިއެވެ.

ބީއެމްއެލުން އިތުރަށް ބުނީ އިންޓަނެޓް ބޭންކިން ބޭނުންކުރަމުންދާ ވިޔަފާރިތަކުން މި ހިދުމަތަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހިލޭ ލިބޭ މި ހިދުމަތަށް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެ ކަމަށެވެ.