މިދިޔަ ރޯދަ މަހުގެ ބާކީގެ ބައިގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމުގެ ކުރިން ބިލުތައް ދެއްކި ފަރާތްތަކަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ރޯދަ މަހު ބޭނުންކުރި ކަރަންޓު ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް، ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން ސްޓެލްކޯ އިން ވަނީ ރައީސްގެ ނިންމެވުމާ އެއްގޮތަށް ޑިސްކައުންޓު ދޭން ނިންމައިފައެވެ. ނަމަވެސް އޭރު ބައެއް ފަރާތްތަކުން ވަނީ ބިލަށް ފައިސާ ދައްކައިފައެވެ.

އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި މިރޭ ވިދާޅުވީ ފަހުގެ ބިލަށް ޑިސްކައުންޓް ދޭން ނިންމުމުގެ ކުރިން ބިލު ދެއްކި ފަރާތްތަކުގެ އަންނަ މަހުގެ ބިލުން އެ ފައިސާ އުނިކުރާނެ ކަމަށެވެ.

"ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލުތަކުގައި ޑިސްކައުންޓް ހިމަނާފައިވާ އިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މިރޭގެ ނިޔަލަށް އެ ބިލުތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުން،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލުތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލުތަކުން އުނިކޮށްދޭން ހަމަޖައްސާފައިވާ ކަމަށެވެ.

"ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ފަހުމީ ވިިދާޅުވިއެވެ.

ފަހުމީ ވިދާޅުވެފައިވާ ގޮތުގައި ސްޓެލްކޯ އިން ވަނީ 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ރޯދަ މަހު ދީފައެވެ.