މީޑީއާ ނެޓް ޕްރައިވެޓް ލިމިޓެޑަށް 1.3 މިލިޔަން ރުފިޔާ ދެއްކުމަށް މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ލިމިޓެޑް (އެމްއެންބީސީ) އަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ އެމްއެންބީސީގެ ޗެނަލެއް ކަމަށްވާ "ވައިޓީވީ" މީޑީއާ ނެޓްގެ ނެޓްވޯކު ތަކުގައި "ރައިޑް" ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްއެންބީސީން ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ މީޑިއާނެޓުން އެމްއެންބީސީގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި މީޑިއާ ނެޓުން އެދިފައި ވަނީ، އެމްއެންބީސީއަށް އެފަރާތުން ދިން ހިދުމަތްތަކުގެ އަގު ކަމަށްވާ 1.3 މިލިޔަން ރުފިޔާ އަކީ އެމްއެންބީސީން ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި މި ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އެ ކޯޕަރޭޝަންގެ މައްޗަށް އަމުރުކޮށް ހުކުމް ކޮށްދިނުމަށެވެ.

މި މައްސަލަ ބައްލަވައި، ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު ކުރެއްވި ހުކުމްގެ ތަފްސީލްގައި ވަނީ، އެމްއެންބީސީ ހުންނަ އެޑްރެހުގެ ގޮތުގައި މައްސަލަ ހުށަހެޅި ފޯމުގައި މ. ރޭޑިއޯ ބިލްޑިން ކަމަށް ބަޔާކޮށްފައި އޮތް ނަމަވެސް އެ އެޑްރެހުގައި އެނަން ކިޔާތަނެއް ނުހުންނަ ކަމަށް ބުނެ އެތަނުން އަމުރާ ހަވާލު ނުވި ކަމަށެވެ.

އެހެން ކަމުން މި މައްސަލައިގައި ކޯޓަށް ހާޒިރު ވުމުގެ އަމުރު އެމްއެންބީސީއަށް ރައްދު ނުކުރެވިގެން އެމްއެންބީސީ މިހާރު ހިންގަމުންދާ އެޑްރެސް ސާފުކޮށް ހަތް ދުވަހުގެ ތެރޭގައި ކޯޓަށް އެންގުމަށް މީޑިއާ ނެޓަށް އެންގި ކަމަށެވެ.

ނަމަވެސް މިއީ މީގެކުރިން ވެސް ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށާއި އެ ކުންފުނީގެ ޝެއާ ހޯލްޑަރެއްގެ ގޮތުން އެ ފަހަރު ދައުލަތުން މި މައްސަލައިގައި ހާޒިރުވެފައިވާ ކަމަށް މީޑިއާނެޓްގެ ފަރާތުން ކޯޓުގައި ތަމްސީލް ކުރުމަށް އައްޔަން ކޮށްފައިވާ އެސް އެންޑް އޭ ލޯޔާސް އިން ކޯޓުގައި ބުނެފައިވާ ކަމަށްވެސް ތަފްސީލްގައި ވެއެވެ.

މީގެ އިތުރުން އެމްއެންބީސީ އުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ލިކުއިޑޭޓަރުން އެ މައްސަލައިގައި ހާޒިރުވެފައިނުވާ ކަމަށާއި މި މައްސަލައަކީ ކުރިން ހުށަހެޅި ދައުވާ ބާތިލް ވުމުގެ ސަބަބުން އެ މައްސަލައިގެ ދައުވާ ބަދަލު ކުރުމެއް ނެތި ހަމަ އެގޮތަށް ހުށަހެޅި މައްސަލައެއް ކަމަށާއި އެމްއެންބީސީގެ އެޑްރެހަކީ މ. ރޭޑިއޯ ބިލްޑިން ކަމަށް އޭރު އެ ފަރާތުން ބުނެފައިވާ ކަމަށްވެސް ތަފްސީލްގައިވެއެވެ.

އެކަމާ ގުޅިގެން މައްސަލައިގެ އޯޑިއޯ ކޮންފަރެންސެއް ބޭއްވުމަށް ކޯޓުން ނިންމައި އެމްއެންބީސީގެ ފަރާތުން އެ އޯޑިއޯ ކޮންފަރެންސްގައި ބައިވެރިވުމަށް ފޮނުވި ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެމްއެންބީސީއަކީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 2008 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެއް ކަމަށާއި ގާނޫނު ބުނާގޮތުން މައްސަލަތަކުގައި ތަމްސީލް ކުރާނީ އެ ކުންފުނިން ކަމަށެވެ. ނަމަވެސް ނުވައެއް ޖުލައި 2020 ގައި އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނަކުން، ރަޖިސްޓްރާ އޮފް ކޮމްޕެނީސް އުވާލި ކުންފުނިތަކުގެ ތެރޭގައި އެމްއެންބީސީ އުވައިލި ކަމަށް ހިމެނޭކަން އެ މިނިސްޓްރީން ފާހަގަ ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ލިއުމުން، އެ ކުންފުންޏަކީ އެކެއް ޖުލައި 2020 ގައި އުވާލާފައިވާ ކުންފުންޏެއް ކަމަށް އެމިނިސްޓްރީން ބުނެފައިވާ ކަމަށްވެސް ތަފްސީލްގައި ވެއެވެ.

އެހެންކަމުން އެއީ އުވާލާފައިވާ ކުންފުންޏަކަށް ވާތީ އެ ކުންފުނި "ރިސްޓޯރ" ކުރުމަށްފަހުގައި ނޫން ގޮތަކަށް މި މައްސަލައިގައި މައުލީގޮތުން ގޮތެއް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މީޑިއާ ނެޓަށް ކޯޓުން އެންގި ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެކަމާ ގުޅިގެން މީޑިއާ ނެޓްގެ ފަރާތުން ކޯޓަށް ހުށަހެޅި އިކޮނޮމިކް މިނިސްޓްރީގެ ސިޓީއަކުން 16 ޑިސެމްބަރު 2021 ގައި އެމްއެންބީސީ އަކީ "ރިސްޓޯޑް" ކުންފުންޏެއްގެ ގޮތުގައި އެ މިނިސްޓްރީގެ ދަފްތަރުގައި ހިމަނާފައިވާ ކުންފުންޏެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ތަފްސީލްގައި ވެއެވެ.

މި މައްސަލައާ ގުޅިގެން ހުށަހެޅި ލިއުންތަކާއި ހެކިތަކަށް ބުރަވެ، ކޯޓުން ބުނެފައި ވަނީ، 29 ޖޫން 2020 ގައި މި މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރިފަހުން އެކެއް ޖުލައި 2020 ގައި އެމްއެންބީސީ އުވާލާފައިވީ ނަމަވެސް 20 އޭޕްރީލް 2010 ގައި ތަސްދީގު ކުރި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ގާނޫނުގެ ދަށުން ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްއަކީ އެމްބީސީގެ ގެ ދެ ޗެނަލްގެ ގޮތުގައި ބަދަލު ވެފައިވާ ކަމަށް ކަނޑައަޅައި، އެތަންތަނުގައި ހުރި ތަކެއްޗާއި ލިބެންޖެހޭ ތަކެއްޗާއި ފައިސާއަކީ އެމްބީސީގެ މުދަލަށް ބަދަލުވީ ކަމަށް ކަނޑައަޅައި، އެ ތަންތަނުން ދައްކަންޖެހޭ ދަރަންޏެއްވާ ނަމަ އެ ދަރަނި އަދާކުރުމުގެ އިލްތިޒާމްތައް ގާނޫނުގެ ދަށުން އެމްބީސީ އަށް ބަދަލުވީ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް މި ދައުވާ ބިނާވެފައިވާ "ވައިޓީވީ" އާ ގުޅޭ އިލްތިމާޒްތަކަކީ އެމްއެންބީސީގެ ކިބައިން އެމްބީސީގެ ގާނޫނުގެ ދަށުން އެ ކުންފުންޏަށް ބަދަލުވެފައިވާ އިލްތިމާޒްތަކެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި ދައުވާގައި މީޑިއާނެޓްގެ 47 އިންވޮއިސްއަކަށް އެމްއެންބީސީގެ ކިބައިން ހޯދުމަށް އެދިފައިވާ 1.3 މިލިޔަން ރުފިޔާއަކީ އެމްއެންބީސީގެ ޗެނަލެއް ކަމަށްވާ "ވައިޓީވީ" މީޑީއާ ނެޓް ޕްރައިވެޓް ލިމިޓެޑްގެ ނެޓްވޯކު ތަކުގައި "ރައިޑް" ކުރުމަށް އެކެއް ސެޕްޓެމްބަރު 2009 ގައި މީޑިއާނެޓާއި އެމްއެންބީސީ އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސް ވުމުގެ ދަށުން ފޯރު ކޮށްދީފައިވާ ހިދުމަތުގެ އަގުގެ ގޮތުގައި އެމްއެންބީސީއިން މީޑިއާ ނެޓަށް ދައްކަން ޖެހި ނުދަައްކައިވާ ފައިސާއެކަން ޝަރީއަތަށް ސާބިތުވާކަމަށް ވަނީ ހުކުމްކޮށްފައެވެ.

އަދި މި ފައިސާ މީޑިއާނެޓަށް ލިބިދިނުމުގެ ގޮތުން މި މެއި މަހުގެ 16 ވަަނަ ދުވަހުގެ ކުރިން މި ފައިސާ ސިވިލް ކޯޓަށް ދައްކައި ދަރަނި ހަލާސް ކުރުމަށް ވެސް ކޯޓުން ވަނީ އެމްއެންބީސީއަށް އަންގައިފައެވެ.