ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދެއްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންނެވި ގޮތަށް، އެ ފައިސާ ކުރިއަށް އޮތްތަނުގައި މީޑިއާތަކަށް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ހަތްވަނަ އަހަރީ ދުވަހާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނާއިބު ރައީސް ވިދާޅުވީ، އިންތިހާބީ މަރުހަލާގައި އިންތިހާބީ ރައީސްގެ ގޮތުގައި ރައީސް މުއިއްޒު މީޑިއާތަކާ ބައްދަލުކުރައްވައި އެ ފަރާތްތަކަށް ދިމާވާ ދަތިތަކާއި އެ ފަރާތްތަކުގައި ހުރި ކަަނބޮޑުވުންތައް އޮޅުންފިލުއްވެވި ކަަމަށެވެ.
އެ ގޮންޖެހުންތައް ހައްލު ކޮށްދެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅުމަތީގައި އެމަނިކުފާނު ދެމިހުންނެވި ކަމަށާއި، އެކަންކަން ހައްލު ކުރެއްވުމަށް ރައީސް ހުންނެވީ ވަރަށް ކެރިވަޑައިގެން ކަަމަށްވެސް ވިދާޅުވިއެވެ.
ނާއިބު ރައީސް ވިދާޅުވީ، ރައީސް މުއިއްޒު މީޑިއާތަކަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި، މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބާރެއް ގޮތުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ކަނޑައެޅުއްވުމަށް ވެވަޑައިގެންނެވި ވައުދު ހިމެނޭ ކަމަށެވެ. އެގޮތަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވައި، މި ސަރުކާރަކީ ނޫސްވެރިންނަށް އަޅާލާ ސަރުކާތަކަށް ވެގެންދާނެމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
ނާއިބު ރައީސް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު އޮތީ އިދިކޮޅު ފަރާތްތަކުގެ ސުޕަ މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހެއް ކަމަށެވެ. އެހެންކަމުން އެ ކަންތައްތަކަށް ދަތިތައް ކުރިމަތިވެފައިވީ ނަމަވެސް، ސަރުކާރަށް މެޖޯރިޓީ ލިބިފައި މިހާރު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމާއެކު އެކަން ތަންފީޒު ކުރާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
އޭރުން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް މީޑިއާތަަކަށް ކަނޑައަޅާ މިންވަރު ކަމާބެހޭ އުސޫލުތަކުގެ ތެރެއިން މީޑިއާތަަކަށް ފުރަތަމަ ފަހަރަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުން ހަގީގަތަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް، އިއްޔެ ފާހަގަކުރި ބައިނަލްއަގުވާނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައިވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
"ރެޔާއިދުވާލު ހިނގަމުންދާ ކަންކަމުގެ ހަބަރު ހޯދައި ފޯރުކޮށްދިނުމާއި މުޖުތަމައު ހޭލުންތެރިކުރުވުމާއި ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި ދައުލަތުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ރައްޔިތުންނަށް ބުނެދިނުމާއި ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިއެވެ،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު