އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް، އިސްލާމިކް ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އޯއައިސީން އިންތިޒާމު ކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ބާއްވާ އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.

ރައީސް އޮފީހުން ބުނީ، އެ ސަމިޓުގައި ޝަހީމް ތަގުރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ތަގުރީރު ޓީވީން ދުރަށް ދައްކާނެ ކަމަށްވެސް ބުންޏެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ އިސްލާމިކް ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭ ގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ.

އެ ސަމިޓް ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" އެވެ.