އަމިއްލަ ކުންފުނިތަކާއި އަމިއްލަ ވަޒީފާތަކުގައި އުޅޭ މަސައްކަތްތެރީންނަށް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމުތައް ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ މަސައްކަތްތެރިކަން އުނގަންނައިދިނުމާއި އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށާއި ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ. ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަކީ ހަމައެކަނި ހައްލު ނޫން ކަމަށާއި މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ދެމުން ގެންދަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ މަސައްކަތްތެރީންނަށްވެސް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމުތައް ތައާރަފުކުރުން މުހިންމެވެ. މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމެވެ. އަދި މަސައްކަތްތަކުގައި ކުރިއަށް ދިއުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމެވެ. މި ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފައެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ އިގުތިސޯދީ މަސައްކަތްތައް ފުޅާކޮށް، އާ ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އާ އިންވެސްޓްމަންޓުތައް ކުރުމަށް ފަސް އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް ދެއްވާނެ ކަމަށާއި ޓްރާންޝިޕްމަންޓް ހިދުމަތް ފަދަ ކަންކަން ތައާރަފުކޮށް، ދަތުރުފަތުރުގެ ހިދުމަތް ހަރުދަނާކުރުމުން އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވަމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަދި ބޮޑެތި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަގުވާމީ މާރުކޭޓުތަކުން ފުރުސަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ގައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެއެވެ. މިކަންކަން އަވަހަށް ކުރެވޭތޯ ސަރުކާރުން މިދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އުންމީދީ މަސައްކަތްތަކާ އެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށާއި ތިޔާގިކަމުގެ އެތައް ފުރުސަތުތަކެއް ކަމަށެވެ. އުންމީދު ކުރައްވަނީ ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުގެ ތެރޭގައި ހޯދައިދެއްވުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.