ބީއެމްއެލްގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެ ބޭންކުން އާއްމުކުރި ފުރަތަމަ ކުއާޓާގެ ރިޕޯޓުން ދައްކާ ގޮތުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 708 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅައި ބަލާއިރު 5.7 އިތުރު އަދަދެކެވެ.
ބޭންކުން ބުނީ ފުރަތަމަ ކުއާޓާގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 967 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައި ކަމަށާއި އަދި ޖުމްލަ އެސެޓް ވަނީ 46.3 ބިލިއަން ރުފިޔާއަށް އަރައިފައި ކަމަށެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މިއަހަރު ފެށިފައި ވަނީ ވަރަށް ހަރުދަނާ ގޮތެއްގައި ކަމަށާއި އިގުތިސޯދީ މާހައުލު ދަށަށް ދިޔަ ނަމަވެސް ވިޔަފާރީގައި ހަލުވި ދުވެލި ދަމަހައްޓައި، ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އަޅުގަނޑުމެންގެ ސްޓްރެޓެޖީއާ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާސަނަލް ލޯނާއި ފައިނޭންސިން އަށް ވަގުތުން އެޕްރޫވަލް ލިބޭނެ ގޮތް ލޯންޗް ކުރެވި، ބޭންކިން ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. މި ފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން،" ސްޓުމްކަ ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތާއި މުޖުތަމައަށް އިންވެސްޓް ކުރުމަށް ބޭންކުން ހިންގާ ޕްރޮގްރާމްތައް މި ކުއާޓާގައިވެސް ހިންގާފައިވެއެވެ. އެގޮތުން ހުޅުމާލެ ފޭސް ދޭއް، ކ. ގުޅި އަދި ވ. ކެޔޮދޫގައި ވަނީ ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފަށައިފައެވެ. މި އަހަރުގެ ޖަނަވަރީ މަހު ބޭންކުން ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް ދަށްކޮށް 2.5 ޕަސެންޓަށް ކުޑަކޮށްފައެވެ.
ޚަބަރު
ޚަބަރު