ސްޓޫޑެންޓް ލޯނަށް އެޕްލައިކުރާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ނިންމައިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިއަހަރު ހުޅުވާލާފައިވަނީ 500 ޖާގައެވެ.

"އަހާ ފޯރަމް" ގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދިނުން ކަމަށެވެ. ރައީސް ޑރ. މުއިއްޒު ވަނީ ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރަން ނިންމަވާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ސްޓޭޑަންޓް ލޯނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ދެން ހަމަވާނީ އަންނަ ބުރާސްފަތި (މެއި 2) ދުވަހު މެންދުރުފަހު 1:30 އަށެވެ. އެ ލޯން ސްކީމްގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ލޯނު ލިބެން ހުންނާނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުސަތު ހާއްސަކޮށްފައެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ހާއްސަކޮށްފައިވަނީ 130 ފުރުސަތެވެ.