މިހާރުގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި އިރު ވެސް އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލާފައިވާ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު އިތުރުކުރަން އަނެއްކާވެސް ރައްޔިންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާއިން ފާސްކޮށްފައި ވަނީ އަންނަ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެއަށް އަަމަލު ކުރުމަށެވެ. އެގޮތަށް މަޖިލީހުން ފާސްކުރީ އެންމެ ފަހުން އެއަށް އަމަލު ކުރުމުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާތީ މުއްދަތު އިތުރު ކުރުމަށް މަޖިލީހުގެ ގަވާއިދު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.

މިގާނޫނުގެ މުއްދަތު އިތުރުކުރަން ފާސްކުރީ ގާނޫނުގެ މުއްދަތު ހަމަވާ އިރުވެސް އޭގައި ބުނެފައިވާ ހުރިހާ ގަވާއިދުތަކަށް ގާނޫނުތައް ހެދިފައިނުވާތީއެވެ.

އާންމު ގަވާއިދުތަކުގެ ގާނޫނުގައި ކުރިން ހިމެނުނު ގިނަ ގަވާއިދުތަކަށް ގާނޫނުތައް ހަދާފައިވާ އިރު، މިހާރު މި ގާނޫނުގައި ހިމެނެނީ 22 ގަވާއިދެކެވެ.

އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އަންނަނީ އިތުރު ކުރަމުންނެވެ.