މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ވިޔަ ނުދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ގައުމީ ޔުނިވަސިޓީގެ މެޑިކަލް ސްކޫލު ހިންގަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެބުރިއަކުން އެ ސްކޫލުގެ ދަރިވަރުން ނުކުތުމަށް އެންގުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމަށް އެ އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ރައީސް އޮފީހުގެ ބައެއް އިސް ވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު އެ ޔޫނިއަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ލިބިފައިވާ ކަމަށެވެ.

"އަދި ހަމަ އެހެންމެ ދަރިވަރުންގެ ތައުލީމީ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، އެކަމަށް އިސްކަން ދެއްވާކަމާއި، މިހާރަށްވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައި" އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ، އެ މައްސަލައަށް ހައްލެއް ލިބެންދެން މެޑިކަލް ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބެވޭނެ ކަމުގެ އުންމީދު އާވެފައިވާ ކަމަށާއި އެކަމަކީ އެތައް ސަތޭކަ ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލު ހިންގަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ބުރީގައެވެ. އެ ސްކޫލުގައި 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވައެވެ.