ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީއަށް ކުރި ވިއްސާރައިގައި ގެއްލުންވި ގެތަކަށް އެހީގެ ގޮތުގައި 544 މިލިއަން ޑޮލަރު ދިނުމަށް އެގައުމުގެ ކެބިނެޓުން ފާސްކޮށްފިއެވެ.

ޔޫއޭއީއަށް މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ހާއްސަކޮށް އެގައުމުގެ ބާރު ބޮޑު ޑުބާއީ ސިޓީއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އަދިވެސް އެސިޓީގެ ބައެއް ސަރަހައްދު އާންމު ހާލަތަށް ނުގެނެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ޔޫއޭއީ އަށް ވިއްސާރައިގައި ލިބުނު ގިނަ ގެއްލުންތަކުގެ ތެރެއިން އެގައުމުގެ ގޭގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބޮޑުވަޒީރު އަދި ދުބާއީގެ ލީޑަރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ވަނީ އެހީގެ ގޮތުގައި ދެ ބިލިއަން ދުރްހަމް ނުވަތަ 544.60 މިލިއަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް ނިންމަވައިފައެވެ.

ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް މިދިޔަ ހަފުތާގައި ވަނީ އެ ގައުމުގެ ކަމާބެހޭ އިދާރާތްތަކުން ވިއްސާރައިގައި ގެއްލުންވި ތަންތަން ބަލައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް އަމުރުކުރައްވައިފައެވެ.

ވޭތުވެދިޔަ 75 އަހަރު ތެރޭ ޔޫއޭއީއަށް ކުރި އެންމެ ވަރުގަދަ ވިއްސާރައިގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ އާންމު އަސާސީ ހިދުމަތްތައް ހުއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.