ރައްޔިތުންނަށް ލިބިފައިވާ އިންތިހާބީ ހައްގު ވީހާވެސް އަވަހަށް ބޭނުންކޮށް ވޯޓުލުމުގެ ކަންކަން ނިންމައިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފައެވެ.

މިއަދު 8:00 ގައި ވޯޓުލުން ފަށާފައިވާ އިރު 8:40 އެހާކަންހާއިރު ވޯޓުލުމަށް ވަޑައިގެން ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ވޯޓުލުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ހައްގެއް ކަމަށާއި ޒިންމާއެއް ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުންވެސް ނުކުމެ ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާ ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ކޮންމެހެން ހަވީރުވަންދެން މަޑު ނުކުރައްވައި އެބޭފުޅަކު ވޯޓުލައްވަން ޖެހޭ މަރުކަޒަކަށް ވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލެއްވުމަކީ އެ ބޭފުޅެއްގެ ހައްގެއް، އަޅުގަނޑު އެކަމަށް އިލްތިމާސްކުރަން." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށެވެ.