ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށެވެ. އެމަނިކުފާނު ވޯޓު ލެއްވުމަށް ވަޑައިގެންފައިވަނީ 8:40 އެހާކަން ހާއިރުއެވެ.

ވޯޓު ލެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް ލިބިފައިވާ އިންތިހާބީ ހައްގު ވީހާވެސް އަވަހަށް ބޭނުންކޮށް ވޯޓުލުމަށް އިލްތިމާސް ކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ، ވޯޓުލުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ހައްގެއް ކަމަށާއި ޒިންމާއެއް ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުންވެސް ނުކުމެ ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ކޮންމެހެން ހަވީރު ވަންދެން މަޑު ނުކުރައްވާ، އެބޭފުޅަކު ވޯޓުލައްވަން ޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓުލެއްވުމަކީ އެ ބޭފުޅެއްގެ ހައްގެއް، އަޅުގަނޑު އެކަމަށް އިލްތިމާސްކުރަން." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވޯޓު ލެއްވީ އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށެވެ. އެއީ 9:30 އެހާކަންހާއިރުއެވެ.

މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރަން މިއަދު ބާއްވާ އިންތިހާބުގެ ވޯޓުލުން ހަވީރު 5:30 އަށް ކުރިއަށްދާނެއެވެ.