ރައްޔިތުން މަޖިލިސް އިންތިހާބު 2024 ގެ ވޯޓުލުން ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިއަދު ހެނދުނު 8:00 ގައި ވަނީ ވޯޓު ލާން ފަށައިފައެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ވޯޓު ލުން މިއަދު ހަވީރު 5:30 އާ ހަމައަށް ކުރިއަށް ގެންދިއުމަށެވެ.

މަޖިލިސް އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިސާކުރުމަށް އީސީ އާއި ފުލުހުން ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ، ގަޑިހަމަވުމަށް ފަހު ވޯޓުލުމަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ

"ވާރޭ ވެހުނަސް، ހޫނު ގަދަ ވިޔަސް 5:30 އަށްވުރެ ފަހަށް ޖެއްސޭނެ ހަމަ އެއްވެސް ގޮތެއް ނެތް" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވަނީ ވަގުތު އޮއްވައި ވޯޓުލުމަށް ދިއުމަށް އިލްތިމާސް ކުރައްވައިފައެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާ އިރު، ޖުމުލަ 602 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ.