މާދަމާ ބާއްވާ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ތައްޔާރީތައް ނިމިފައިވާ ކަމަށާއި މި ފަހަރުވެސް ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފިއެވެ.

މަޖިލިސް އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތުތައް، ދިނުމަށް އީސީ އާއި ފުލުހުން ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މާދަމާ ހެނދުނު 8:00 ގައި ވޯޓުލުން ފަށާނެ ކަމަށާއި ވޯޓުލުން ހަވީރު 5:30 ގައި ނިންމާލާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ، ގަޑިހަމަވުމަށް ފަހު ވޯޓުލުމަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ.

"ވާރޭ ވެހުނަސް، ހޫނު ގަދަ ވިޔަސް 5:30 އަށްވުރެ ފަހަށް ޖެއްސޭނެ ހަމަ އެއްވެސް ގޮތެއް ނެތް" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވަނީ ވަގުތު އޮއްވައި ވޯޓުލުމަށް ދިއުމަށް އިލްތިމާސް ކުރައްވައިފައެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާއިރު ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާނެއެވެ. ކޮންމެ ވޯޓު ފޮއްޓަކަށް ވޯޓު ލެވޭނީ 500 މީހުންނަށެވެ. އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.