20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓަކީ، ޑރ. އަހުމަދު ޝަމްހީދެވެ. ޑރ. ޝަމްހީދަކީ ތައުލީމާއި ތަޖުރިބާގެ ގޮތުން ބަލާއިރުވެސް އެންމެ ޤާބިލް ކެންޑިޑޭޓެވެ.
ގއ. ދެއްވަދޫއަށް އުފަން ޑރ. އަހުމަދު ޝަމްހީދު، ތަޢުލީމީ ހަޔާތުގެ ބިންގާ އެޅުއްވީ ދެއްވަދޫ ސުލްޡޯން މުހައްމަދު ސުލޫންނެވެ. އެއަށްފަހު ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ހާސިލްކުރައްވައި، 1992 ވަނަ އަހަރު މާލެވަޑައިގެން، ސާނަވީ ތަޢުލީމް ހާސިލްކުރެއްވީ، މާލޭ އިންގްލިޝް ސުކޫލް( އެމް.އީ.އެސް)އިން ނެވެ. އަދި މަތީ ސާނަވީ ތަޢުލީމް ފުރިހަމަ ކުރެއްވީ، ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ)އިން ނެވެ.
ތަޢުލީމީ ހަޔާތުގައިވެސް ޑރ. ޝަމްހީދު ފާހަގަކުރެވިގެންދިޔައީ، ތޫނުފިލި މޮޅު ދަރިވަރެއްގެ ގޮތުގައެވެ. ރަށުގައި ތަޢުލީމް ހާސިލްކުރެއްވިއިރުވެސް، ހުރިހާ ގުރޭޑްތަކުން މަތީ ވަނަތައް ހާސިލްކުރެއްވި ޑރ. ޝަމްހީދުގެ މަތީ ސާނަވީ ތަޢުލީމް ނިންމަވާލެއްވީވެސް، ފާހަގަކޮށްލެވޭ މޮޅު ދަރިވަރެއްގެ ގޮތުގައެވެ.
އެގޮތުން އެމް.އީ.އެސް. އިން އޯލެވެލް އިމްތިހާން ހެއްދެވިއިރު، އެއަހަރު އެ ސުކޫލުގެ އެންމެމޮޅު ދަރިވަރުގެ މަޤާމް ހޯއްދެވިއެވެ. އަދި އޭލެވެލް އިމްތިހާން ނިމުނު އަހަރު ޤައުމީ ގަދަދިހައިގެ 4 ވަނަ މަޤާމް ޑރ. ޝަމްހީދު ހޯއްދެވިއެވެ.
މަތީ ސާނަވީއަށްފަހު، ވިލާ ފައުންޑޭޝަންގެ ފަރާތުން ލިބިވަޑައިގެންނެވި ސްކޮލަރޝިޕެއްގައި ޑޜ. ޝަމްހީދު ފަސްޓް ޑިގްރީ ހާސިލްކުރެއްވީ އިނގެރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސް އިން، ސިވިލް އިންޖިނިއަރިންގެ ދާއިރާއިންނެވެ.
އެއަށްފަހު އިނގެރޭސި ސަރުކާރުން ދެއްވި ސްކޮލަރޝިޕެއްގައި، އެގައުމުގެ "ޔުނިވަރސިޓީ އޮފް ލީޑްސް" ޑރ. ޝަމްހީދު ވަނީ ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.
ޕީއެޗްޑީ ހާސިލްކުރެއްވުމަށްފަހު 2007ވަނަ އަހަރު ރާއްޖެވަޑައިގެން ޑރ.ޝަމްހީދު ގެންދަވަނީ އެކި ރޮނގުރޮނގުން ޚިދުމަތްކުރައްވަމުންނެވެ. އޭގެތެރޭގައި އިމާރާތްކުރުމުގެ ދާއިރާއާއި، ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، ވިޔަފާރި އާއި އިޤްތިސޯދު އަދި އިޖުތިމާޢީ ދާއިރާގައިވެސް ވޭތުވެދިއަ 18ވަރަކަށް އަހަރުގެ ތެރޭގައި ޝަމްހީދު ވަނީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
ޝަމްހީދުގެ ޚިދުމަތްތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން ރިސޯޓްތަކުގެ މާސްޓަރ ޕްލޭންތައް ހެއްދެވުމާއި، އާކިޓެކްޗަރ އަދި އިންޓީރިއާ ޑިޒައިނިންގެ މަސައްކަތްތަކަކީ ޑރ. ޝަމްހީދުގެ މަސައްކަތްތެރިކަމުގައި ހާއްސަ ޝައުޤަކާއެކު ކުރައްވަމުންގެންދަވާ މަސައްކަތްތަކެވެ. މި މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑެތި ޕްރޮޖެކްޓް ތަކަކީ، ދާއިރާގެ ގިނަބަޔަކު ބަލައިގެންފައިވާ އުފެއްދުންތެރި މަސައްކަތްތަކެކެވެ.
ކާމިޔާބުކަމާއެކު އަމިއްލަ ވިޔަފާރިއެއްވެސް ހިންގަވަމުންގެންދަވާ ޑރ. ޝަމްހީދަކީ އެބޭފުޅާގެ ޒުވާން ދުވަސްވަރުންފެށިގެންވެސް އިޖުތިމާޢީ އަދި ސިޔާސީ މަސައްކަތްތަކަށް ހާޢްސަ ޝައުގެއް ބެހެއްޓެވި ބޭފުޅެކެވެ. އެގޮތުން ސުކޫލު ދައުރުއްސުރެ ރަށު ތަރަށްޤީއަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ޝަމްހީދު ވަނީ ޚާއްޞަކޮށް ޒުވާނުންގެ ކުރިއެރުމަށް ވިސްނަވައިގެންވެސް މަސައްކަތްތައް ކުރައްވާފައެވެ. އޭގެތެރެއިން އެއް މަސައްކަތަކީ އެސޯސިއޭޝަން ފޯ ދެއްވަދޫ ޑިވޮލޮޕްމަންޓްގެ (އޭޑީޑީ)ގެ ނަމުގައި 1996ވަނަ އަހަރު ޖަމިއްޔާއެއް ރަޖިސްޓްރީ ކުރައްވައި އެރަށުގެ އިޖުތިމާޢީ ތަރަށްޤީ އާއި ކުޅިވަރުގައި ދެއްވަދޫގެ ޒުވާނުންނަށް މަގުތައް ފަހިކޮށްދެއްވުމަށް ކުރެއްވެވި މަސައްކަތްތެކެވެ. ޚާއްޞަކޮށް ފުޓުބޯޅައިގައި އެދުވަސްވަރު ދެއްވަދޫ ޒުވާނުން ފާހަގަކޮށްލެވިގެން ދިޔައެވެ.
ޝައުޤުވެރިކަމާއެކު ތަފާތު އެކި މަސައްކަތްތަކުގައި ގިނަވަގުތު ހޭދަކުރެއްވިނަމަވެސް، ޑރ. ޝަމްހީދަކީ އާއިލީ ބޭފުޅެއްވެސްމެއެވެ. އެގޮތުން 2002ވަނަ އަހަރު ޒަވާޖީ ހަޔާތެއް ފެއްޓެވި ޑރ. ޝަމްހީދަކީ މިއަދު ތިން އަންހެންކުދިންގެ ޒިންމާދާރު ބައްޕައެކެވެ.
އާއިލީ ބޭފުޅެއްގެ އިތުރަށް ޑރ. ޝަމްހީދަކީ މީހުންނާއި ގުޅޭ ހިތްހެޔޮ އޯގާތެރި ބޭފުޅެއްކަމުގައި އާއިލާ އާއި ގާތް ރައްޓެހިންވެސް ފާހަގަކޮށްފައިވެއެވެ. އާއިލާ އާއި ރައްޓެހިންނަށް ވަގުތުދެއްވުމަށްފަހު އިތުރަށް ލިބޭ ހުސްވަގުތުތަކުގައި އަމިއްލަ ހޮބީއެއްގެ ގޮތުގައި މަސްވެރިކަމަށް ހާއްސަ ޝައުގެއް ގެންގުޅުއްވާ ޑރ.ޝަމްހީދަކީ، އެބޭފުޅާގެ އެކުވެރިން ބުނާގޮތުންނަމަ ޖިގްކުރަންމޮޅު ކުޅަދާނަ މަސްވެރިއެކެވެ.
ކުރައްވާ ކޮންމެ ކަމެއްގައިވެސް ވަރުގަދަ ޢަޒުމަކާއި، ހާސިލްކުރެއްވުމަށް ކަނޑައަޅުއްވާ ލަންޑުދަނޑިތައް ހާސިލްކުރެއްވުމުގައި ޑރ. ޝަމްހީދަކީ ގަދައަޅައި މަސައްކަތްޕުޅުކުރައްވާ ބޭފުޅެކެވެ. އާއްމު ދިވެހިރައްޔިތުންގެ އިޙްސާސްތަކާއި ބޭނުންތައް ދެނެވަޑައިގަންނަވާ އެރައްޔިތުންނަށްޓަކައި ޚިދުމަތްކުރެއްވުމުގެ މަތިވެރި ޢަޒުމާއި ރޫހުގައި ހުންނެވި ތަޢުލީމީ އެންމެ ޤާބިލް ޝަޚުސިއްޔަތަކީ، ޑރ. އަޙްމަދު ޝަމްހީދު ކަމުގައި ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުން ޤަބޫލު ކުރެއެވެ.
ޑރ. އަހުމަދު ޝަމްހީދުގެ މިއަދުގެ އެންމެބޮޑު އަމާޒަކީ، 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޢިލްމާއި ފަންނާއި ތަޖުރިބާއާއެކު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހުޅުމާލޭ ދެކުނު ދާއިރާއަށާއި، ރައްޔިތުންނާއި ޤައުމަށް ފައިދާހުރި އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމެވެ. އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ޑރ. ޝަމްހީދަކީ ކެންޑިޑޭޓް ނަމްބަރު 1 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު