ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ހަތަރު ޕްރޮޖެކްޓެއް ކާމިޔާބުކަމާއެކީ ނިންމާލާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ، ކޮމިއުނިޓީ ފަންޑުގެ ދަށުން މި ފަހަރު ޕްރޮޖެކްޓްތައް ހިންގީ ސ. ހިތަދު، ހދ. ނެއްލައިދޫ، މ. މުލަކު، ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ހއ. މާރަންދޫގައި ކަމަށެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ހިތަދޫގައި ހިންގީ މަންތާ ޓްރަސްޓްގެ ދަށުން ހިންގާ މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމްގެ ރަށްވެށި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ދަށުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަންތާ ސާވޭ ފީލްޑްޓްރިޕް ހިމެނޭހެން އެއް މަހުގެ މެރިން އެޑިއުކޭޝަން ކޯހެއް ހިންގި އިރު، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަންތާ ޓްރަސްޓުން ކުރަމުން އަންނަ ދިރާސާތަކާ ގުޅޭ މައުލޫމާތުވެސް ދީފައިވެއެވެ.
އަދި މަންތާ ޓްރަސްޓުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކާ އިންޓަވިއުކޮށް އެ ފަރާތްތަކަށް ކަނޑާ ގުޅޭ ގޮތުން ލިބިފައިވާ އަގުނުކުރެވޭނެ ފަދަ މައުލޫމާތުތައް ރެކޯޑުކޮށް އެކަންކަން ބަލައި، އެކަމާ ގުޅޭ ރިޕޯޓެއް ޝާއިއުކުރުމަށް ހަމަޖެހިފައެވެ.
ކޮމިއުނިޓީ ފަންޑުގެ އެހީގައި ނެއްލައިދޫގެ ފަތޯ ސްޕޯޓްސް އެކަޑަމީން ވަނީ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް އެހީތެރިވުމަށް ކުޅިވަރާ ގުޅޭ ސާމާނު ގަނެފައެވެ. އެ ޕްރޮގްރާމުގެ ދަށުން އުމުރުން ހަ އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންނަށް ފުޓްބޯޅަ، ހޭންޑްބޯލް، ވޮލީބޯޅަ ކުޅުމުގެ ޓްރެއިނިން ޕްރޮގްރާމް ހިންގުމަށް އެހީތެރިކަން ފޯރުކޯށްދޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލްގެ ކޮމިޔުޓީ ފަންޑުގެ އެހީގައި މުލަކުގެ ކޮމިއުނިޓީ އެމްޕަވަމަންޓް ލިންކޭޖުން ވަނީ ދަރިވަރުންގެ މެދުގައި ފޮތް ކިޔުމަށް ލޯބި އިތުރުކުރުމުގެ ގޮތުން އެ ރަށު ސްކޫލުގައި ރީޑިން ޕާކެއް ތަރައްގީކޮށްފައެވެ.
އއ. އުކުޅަސް، ހއ. މާރަންދޫ އަދި ހއ. ތަކަންދޫގައި ޕްރޮޖެކްޓް ހިންގީ އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސްގެ ފަރާތުންނެވެ. އެ އެސޯސިއޭޝަނުން ވަނީ ލައިފް ކޯޗިން އަދި ކެޕޭސިޓީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އަންހެނުންނަށް އަމާޒުކޮށް ހިންގި އެ ޕްރޮގްރާމްގައި ވަނީ ސެލްފް އެމްޕަވަމަންޓް، ސްރެސް މެނޭޖުކުރުމާއި ކޮމިއުނިކޭޝަން އަދި ޑިޖިޓަލް މާކެޓިން އަދި އިންޓްރޮޑަކްޝަން ޓު ބިސްނަސް ފަދަ ދާއިރާތަކުން މައުލޫމާތު ހިއްސާކޮށްފައެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު