އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް އަލުން ފަށައިފިއެވެ.

ހަނިމާދޫ އެއާޕޯޓުން ކުރަމުންދިޔަ އިންޓަނޭޝަނަލް ދަތުރުތައް މެދުކަނޑާލީ، އެ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުންނެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ، އެ ކުންފުނީގެ އަމާޒަކަށްވީ، އެއާޕޯޓުން ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރުލެއް ނުގެނެސް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، އަވަހަށް މަސައްކަތް ނިންމާލުމަށްޓަކައި އެެއާޕޯޓް އޮޕަރޭޓްކުރާ ގަޑިތަކަށް ގެނައި ބަދަލުގެ ސަބަބުން އިންޓަނޭޝަނަލް ދަތުރުތައް މެދުކަނޑާލަން ޖެހުނީ ކަމަށް ވިދާޅުވިއެވެ.

އެ ކުންފުނިން ބުނީ، ކޮންމެ ހަފުތާއެއްގެ ހުކުރު އަދި ހޯމައިގައި އިންޓަނޭޝަނަލް ދަތުރުތައް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ކުރާނެ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކޮށް އިތުރަށް ފުޅާކުރުމަށްޓަކައި 2445 މީޓަރުގެ އާ ރަންވޭއެއް އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ވަނީ 1،200 މީޓަރުގެ މަސައްކަތް ނިންމައި މި މަހުގެ 12 ވަނަ ދުވަހު ހުޅުވާލައިފައެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ، އާ ރަންވޭގެ މަސައްކަތް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމައި، މުޅި އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެއްްކޮށް ނިންމާލެވޭނެ ކަމަށެވެ.