ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް ވަޑައިގަންފިއެވެ.
ފ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މިރޭ ވަނީ ފ. ނިލަންދޫއަށް ވަޑައިގެންފައެވެ. ބޯކޮށް ވާރޭ ވެހުނު ނަމަވެސް އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ވަނީ ރައީސަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނިލަންދޫގެ އިތުރުން ދަރަނބޫދޫ، ބިލެއްދޫ އަދި ފީއަލި އަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ހުރިހާ ކައުންސިލްތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި އެ އަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް މިއަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅު ތަކުގައި މިހާތަނަށް ވަނީ ޖުމްލަ 162 ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ. ރައީސް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އަމާޒަކީ ފަސް އަހަރުގެ މި ރިޔާސީ ދައުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތް ކުރެއްވުންކަމުގައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް މާލެ އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު