ހެޔޮ ލަފާ މުޖުތަމައެއް ބިނާކުރުމަށާއި ތަރައްގީ އާއި ތަހުޒީބުގެ އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި، ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި އެ މަސައްކަތްތައް ކާމިޔާބު ވާނީ ހެދިބޮޑުވަމުން އަންނަ ޒުވާނުންނަކީ ހެޔޮލަފާ ޖީލަކަށް ހެދިގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހެޔޮލަފާ މުޖުތަމައެއް ބިނާ ކުރުމަށްޓަކައި ދަރިން ތަރުބިއްޔަތުކޮށް، ނަމާދުކުރާ ކުދިންތަކަކަށް އެކުދިން ހެދުމަށް ބައިންބަފައިންނަށް ނަސޭހަތްތެރިވަމުން، މިއަދުގެ ހުތުބާގައި ބުނެފައި ވަނީ، އަމާނާތެއްގެ ގޮތުގައި، މައިންބަފައިންނާ ހަވާލު ކުރައްވާފައިވާ ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހޭ ކަމަށެވެ.
ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
ކާފިރުންނާއި މުސްލިމުންނާ ދެމެދު ތަފާތުކުރާ އަހުދަކީ ނަމާދު ކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ އިރު، އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް ކަމަށްވެސް ބުނެފައިވެއެވެ.
"ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހެއެވެ. އަދި ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ، ނަމާދު ކުރުން ކަމުގައި ހަދަން ޖެހެއެވެ. ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި، ނަމާދަށް ޝައުގުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެކެވެ.،"
މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމާއި ސަފުގައި ހުއްޓި ހުންނަންވާ ގޮތް ކުދިންނަށް ކިޔައިދިނުމަކީ މިސްކިތުގެ ޖަމާއަތަށް ހާޒިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭން ޖެހޭ އިރުޝާދެއް ކަމަށާއި މިސްކިތަކީ ބިންމަތީގައިވާ މާތް اﷲ ގެ ގެކޮޅުކަން ދަރިންނަށް ކިޔައިދީ މިސްކިތުގެ ސާފުތާހިރުކަމާއި މިސްކިތުގައި ކުރެވޭނެ ކަންތައްތަކާއި ކޮށްގެންނުވާނެ ކަންކަން ބެލެނިވެރިން ދަރިންނަށް ކިޔައިދޭން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.
ކުދިންނަކީ ނަމާދަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރާ މަސައްކަތްތަކުގެ އިތުރަށް، ދަރިންނަށްޓަކައި ހެޔޮ ދުޢާކުރުމަކީ ވެސް، ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެފަދަ ދުއާތައް ދަރިންނަށް ކިޔައިދިނުމަކީ އެ ކުދިންގެ ހިތްތަކުގައި ނަމާދަށް އޮންނަ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންގެ މުހިއްމުކަންވެސް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
އެގޮތުން މުދައްރިސުންނަކީ ދަރިންގެ ދެވަނަ މައިންބަފައިންކަން ފާހަގަކޮށް، މުދައްރިސުން އެ ކުދިންނަށް އުނގަންނައިދޭ ފިލާވަޅުތަކަކީ ހަމައެކަނި ކިޔަވައިދޭ އެއްޗެއް ކަމުގައި ނުހަދައި، އެ ކުދިންނަށް ރިވެތި ނަމޫނާ ދައްކައިދޭ ބަޔަކަށް ވުމަށްވެސް އެދިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު