ބޭރު ގައުމުތަކަށް ސަރުކާރުން އައްޔަނު ކުރުމަށް ފޮނުވާފައިވާ ސަފީރުން އައްޔަނު ކުރުން ރައްޔިތުންގެ މަޖިލީހުން ލަސްކުރަމުންދާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރުހުން ފާޅުކުރައްވައިފިއެވެ.
ރައީސް، ލާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ ހުރިހާވެސް ފޯކަސްއަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި ލަސް ސްޕީޑްގައި އެއްވެސް ކަމެއް ކުރިއަށް ގެންދަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ތެރެއިން އެއްބާރުލުން ބޭނުންވާ ކަމަށާއި މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި މަޖިލީހުން އެއްބާރުލުން ދީފައިނުވާ ކަމަށެވެ. އުންމީދު ކުރައްވަނީ މަޖިލީހުން އެއްބާރުލުން ދޭނެ މެންބަރުންތަކެއް ރައްޔިތުން ހޮވައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކިތަންމެ ކަމެއް ކޮށްދޭން ބޭނުންވިޔަސް މަޖިލީހުން އެއްބާރުލުން ނުދޭނަމަ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެއީ ގާނޫނުތައް ހެދިފައި އޮންނަ ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިހާރު މަޖިލީހުގެ ކޮމިޓީގައި މިއޮތީ އަޅުގަނޑުމެން ބޭރަށް ފޮނުވާ ސަފީރުންނަށް ދޭން ޖެހޭ ރުހުން ހޯދުމުގެ ކަންތައް. މިއީ އަސްލުގައި ވަރަށް ކުޑަ ކަމެއް. އެކަމަކު އެ ކޮމިޓީ ނުބާއްވަ ދެއްވައޭ. ނުބޭއްވި. ހަމަ ދިގުލައިގެން އެ ދަނީ. ސަފީރުން އެ ތިބީ ނުފޮނުވިފައި," އެމަނިކުފާނު ވިދާޅުވިއެވެ.
އަށް ގައުމަށް ސަފީރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާއި މާޗު މަހުގެ 13 ވަނަ ދުވަހާއި 25 ވަނަ ދުވަހާއި އޭޕްރީލް އެއް ވަނަ ދުވަހުއެވެ. އެ މައްސަލަތައް ދިރާސާ ކުރުމަށް މަޖިލީހުގެ ތަޅުމުން ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
- ޑރ. ފަޒީލް ނަޖީބު - ޗައިނާ
- ޝިއުނީން ރަޝީދު - ބަންގްލަދޭޝް
- މުހައްމަދު ތޯހާ - ސައޫދީ އަރަބިއްޔާ
- މަސްއޫދު އިމާދު - ސްރީލަންކާ
- ޑރ. މަރިޔަމް ޝަބީން - މެލޭޝިއާ
- ގީލާ އަލީ - ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން
- މުހައްމަދު ލުވެއިޒް - ސިންގަޕޫރު
- ޑރ. ސަލްމާ ރަޝީދު - ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާ ދާއިމީ މަންދޫބު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު