ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން މަރާމާތުކޮށް، ރޭ އަލުން ހުޅުވީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "މިނިވަން 50" މުނާސަބަތާ ގުޅުވައިގެން ޖުމްހޫރީ މައިދާނުގައި ހެދި ފެންއަރުވާ ވަޑާން ނުވަތަ "ޖުމްހޫރީ ފަށްވާރާ" އަކީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭސްތިރިކަމުގެ ދަށުން އެމްޓީސީސީން ފަރުމާކުރި ތަނެކެވެ.

މިދިޔަ ފަސް އަހަރުތެރޭ އެ ބިނާ ވަރަށް ބޮޑަށް ވީނާރާވެފައިވާތީ މި ސަރުކާރުން އެތަން މަރާމާތު ކުރުމުން އަލުން ހުޅުވައިދެއްވީ ރޭ އެކަމަށްޓަކައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހަފުލާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެމްޓީސީސީ އިން ބުނީ، ފެންއަރުވާ ވަޑާން އަލުން ހުޅުވިފައި މިވަނީ ގައުމިއްޔަތާއި އިސްލާމީ ޝިއާރު ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ރައީސް ދެއްވާފައިވާ ހާއްސަ އިރުޝާދާއި ގުޅިގެން ޕަބްލިކް ވޯކްސްގެ އިސްނެގުމުގެ މަތިން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން ކަމަށެވެ.

އަދި ފެންއަރުވާ ވަޑާން ބިނާ ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުވެގެން ދިޔަކަމީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.

އެ ކުންފުނިން ބުނީ، ފެންވަރުވާ ވަޑާން ހަދާފައިވަނީ އާންމު ސިއްހަތާއި ރައްކާތެރިކަމަށް ބަލައިގެން ކަމަށެވެ. އެ ތަނުގެ ފެން ފިލްޓަކުރާ ނިޒާމް ހަދާފައިވަނީ ފެން ސާފުކުރެވޭނެ ގޮތަށް ކަމަށާއި ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ފެންއަރުވާ ވަޑާމުގެ ނިޒާމު އެއްކޮށް ނިވޭނެ ގޮތަށް ކަމަށްވެސް ބުންޏެވެ.