އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި މަސައްކަތް ކުރާ ފަލަސްތީނުގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކޯދީގެ އާއިލާ ގާޒާ އިން ނެރުމަށް ބޭނުންވާ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހަވާލުކޮށްފިއެވެ.

އިޒްރޭލުން ދަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން، ގާޒާއަށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގެ ސަބަބުން ހަސަންގެ އާއިލާ ދިރިއުޅެމުންދިޔަ ގެ ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. އެ އާއިލާގެ މީހުން ދިރިއުޅެނީ ރަފަހްގައި ހުރި ކޭމްޕެއްގައެވެ. އެހެންވެ ހަސަން ވަނީ އޭނާގެ އާއިލާ މިސްރަށް ގެންދިޔުމަށް އައިއޭސީގެ އެހީތެރިކަމަށް އެދިފައެވެ.

އައިއޭސީސީން މިއަދު ބުނީ ހަސަންގެ އާއިލާ، މިސްރަށް ގެންދިޔުމަށް ބޭނުންވާ ފައިސާ، މިހާރު އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބުނީ ހަސަންގެ އާއިލާ މިސްރުން، ރާއްޖެ ގެންނަން ކުރަންޖެހޭ ހަރަދުތައް ވެސް އައިއޭސީގެ ފަރާތުން ކުރާނެ ކަމަށެވެ.

ގޯފަންޑުގައި ހަސަންކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިސްރުގެ ޓްރެވަލް އެޖެންސީއެއް މެދުވެރިކޮށް، ރަފަހްއިން، މިސްރަށް މީހުން އެތެރެ ކުރެވެނީ މިހާރު ބޮލަކަށް 10،000 ޑޮލަރު ދައްކައިގެން ކަމަށެވެ. އެ އާއިލާގައި ހިމެނޭ އޭނާގެ މަންމަ އާއި ކޮއްކޮމެންނާ އެކު ރަފަހް އިން ނުކުތުމަށް، 54،000 ޑޮލަރު ބޭނުންވާ ކަމަށާއި މިހާރު އެ އާއިލާއަށް އެއްކުރެވިފައިވަނީ 517 ޑޮލަރު ކަމަށެވެ.