ދުނިޔޭގައި ހުރި އެންމެ މުސްކުޅި ފިރިހެން މީހާގެ އުމުރަކީ 111 އަހަރު ކަމަށް ގިނިސް ވޯލްޑް ރެކޯޑްސް އިން ހާމަކޮށްފިއެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ހުކުރު ދުވަހު ބުނީ ދުނިޔޭގައި ހުރި އެންމެ މުސްކުޅި ފިރިހެނަކީ އިނރޭސި ވިލާތަށް ނިސްބަތްވާ އުމުރުން 111 އަހަރާއި 224 ދުވަހުގެ ޖޯން އަލްފްރެޑް ކަމަށެވެ.

މީގެ ކުރިން ދުނިޔޭގެ އެންމެ މުސްކުޅި ފިރިހެން މީހާގެ ރެކޯޑް އޮތީ އުމުރުން 114 އަހަރުގެ މީހެއްގެ އަތުގައެވެ. ނަމަވެސް އެ މީހާ ވަނީ މިދިޔަ ބުދަ ދުވަހު މަރުވެފައެވެ.

ޖޯން ވަނީ އޭނާގެ އުމުރު ދިގުވުމުގައި ވަކި ހާއްސަ ކަމެއް ފާހަގަނުވާ ކަމަށާއި އުމުރު ދިގުވުމާއި ކުރުވުމުގައި ވަކިކުރާނެ އިތުރު ކަމެއް ނެތް ކަމަށް ބުނެފައެވެ. އަދި ގިނިސް ވޯލްޑް ރެކޯޑްސް އިން ޖޯންގެ ސެޓްފިކެޓް އޭނާއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޯން ވަނީ އޭނާގެ ހަޔާތުގެ ބައެއް ވާހަކަ ހިއްސާކޮށްފައެވެ.

އެގޮތުން އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރާ ކަމަށާއި ކޮންމެ ހުކުރު ދުވަހަކު ފިޝް އެންޑް ޗިޕްސް ކާކަމަށް އޭނާ ބުނެފައިވެއެވެ. އަދި ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަން ޖެހޭނެ ކަމަށާއި އެގޮތުން ކެއުންބުއިމުގައާއި ހިނގުމުގައިވެސް ހައްދެއް އޮންނަން ޖެހޭނެ ކަމަށް ބުންޏެވެ.

ދުނިޔޭގައި ހުރި އެންމެ މުސްކުޅި އަންހެން މީހާގެ ރެކޯޑް އޮތީ އުމުރުން 117 އަހަރުގެ ސްޕެއިން މީހެއްގެ އަތުގައެވެ.