ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަށް ތިރި ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް، ކުދީންތަކެއް އަނިޔާކުރާ ވީޑިއޯއެއް ދައުރުވުމާ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އުޝާމް ވިދާޅުވީ، ގާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ދައުލަތުގެ މައްޗަށް ލާޒިމުކުރާ ކަމަށާއި އެހެންވެ، 2019 ވަނަ އަހަރު ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ގާނޫނެއް ފާސްކުރެވި 2020 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
އުޝާމް ވިދާޅުވީ، އެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ހަތަރު އަހަރުވީ އިރު، އެ ގާނޫނުގެ ދަށުން ދައުލަތުން ހަދަން ޖެހޭ ރިހެބިލިޓޭޝަން ސެންޓަރުތަކާއި އެ ގާނޫނުގެ ދަށުން ކުރަން ޖެހޭ ގިނަ ކަންކަން ހުރީ ނުކޮށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އެގޮތުން އެއް ކަމަކަށް ކުޑަކުދިންގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައި މިއޮތް ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލުކުރުމަށް ސަރުކާރުން މިވަނީ ނިންމާފައި،" އުޝާމް ވުދާޅުވިއެވެ.
އުޝާމް ވިދާޅުވީ، ޑިޓެންޝަން ސެންޓަރަކަށް ކުޑަކުއްޖަކު ގެންދާނަމަ، ކޯޓު އަމުރެއް ބޭނުންވާ ކަމަށާއި ނަމަވެސް އެ އަމުރު ހޯދަން ދާން ޖެހެނީ ކޮން ކޯޓަކަށް ކަމެއް ގާނޫނުން ސާފެއް ނޫން ކަމަށެވެ.
"އެހެންކަމުން މި ކޯޓު އަމުރު ހޯދަން މި ދިމާވާ ދަތިތަކަށްވެސް ހައްލެއް ގެންނާނަން،" އުޝާމް ވިދާޅުވިއެވެ.
އުޝާމް އިތުރަށް ވިދާޅުވީ، އީދު ބަންދަށްފަހު ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށެވެ. އޭރުން، މަހެއްގެ ތެރޭގައި އިސްލާހުތައް ފާސްކުރެވިއްޖެ ނަމަ، އެ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އިހްސާން ވިދާޅުވީ، ޖުވެނައިލް ޑިޕާޓްމަންޓުގެ ރިކޯޑުތައް ދައްކާގޮތުން، 200 އެއްހާ ކުދިން ކުށުގެ ރިސްކުގައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ 12-14 އަހަރާ ދެމެދުގެ ކުދިން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުށްތަކަށް ޒިންމާވާންޖެހޭ އެންމެ ހަގު އުމުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12-14 އަހަރު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު