މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، އީދު ސަލާން ކުރެއްވުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކަމަށެވެ. އީދު ސަލާން ކުރެއްވުމަށް އަންނަ މީހުން މުލީއާގެއަށް ވަނުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށްވެސް ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އީދު ސަލާމް ކުރެއްވުމުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށްވެސް ބުންޏެވެ.

ހާއްސަކޮށް އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.