ޕައިލެޓުން ލިބުން ދަތިވެ ވިސްޓާރާގެ އޮޕަރޭޝަނަށް ބުރޫ އަރައިފިއެވެ.

އިންޑިއާގެ މައި އެއް އެއާލައިން ވިސްޓާރާއިން ވަނީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އެ އެއާލައިންގެ ޕައިލެޓުން ދަތުރުކުރަން އުޒުރުވެރިވެ ގިނަ ފުލައިޓުތައް ކެންސަލް ކުރަން ޖެހުނު ކަމަށް ބުނެފައެވެ.

މިދިޔަ މަހުގެ 31 އިން ފެށިގެން މިހާތަނަށް ވިސްޓާރާގެ 150 އަށްވުރެ ގިނަ ފުލައިޓު ކެންސަލްކޮށް، 200 އަށްވުރެ ގިނަ ފުލައިޓު ޑިލޭ ވެފައިވަނީ އެއާލައިންއާ މެދު ހިތްހަމަނުޖެހި، ޕައިލެޓުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ ނޫސްތަކުން ވަނީ ވިސްޓާރާގެ ޕައިލެޓުންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތަށް ނުނިކުމެ ބަލި ކަމަށް ރިޕޯޓުކުރަމުންދާ ކަމަށް ބުނެފައެވެ.

އޮފިޝަލުން ބުނީ ޕައިލެޓުން ހިތްހަމަނުޖެހިގެން އުޅެނީ ވިސްޓާރާއާއި އެއާ އިންޑިއާ މާޖް ކުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ އެއާލައިނުން ވަނީ އޮޕަރޭޝަން ހުއްޓާނުލައި ކުރިއަށްގެންދެވޭނެ ހުރިހާ ގޮތްތަކަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ވިސްޓާރާގެ މެޖޯރިޓީ ހިއްސާ އޮންނަ އިންޑިއާގެ ޓާޓާ ގްރޫޕުން ވަނީ އެއާ އިންޑިއާ ވެއްޓިފައިވާ ދަރަނީގެ ދަތިކަމުން ސަލާމަތްކޮށް 2021 ވަނަ އަހަރު އެ އެއާލައިން ގަނެފައެވެ.

އެއް ވިޔަފާރިއެއްގެ ދަށުން ހިންގާ ދެ އެއާލައިން އެއްކޮށްލުމަށް މަސައްކަތް ކުރުމުން ވިސްޓާރާގެ ޕައިލެޓުން ވަނީ އެމީހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، މަސައްކަތްކުރަން ޖެހޭ ވަގުތުތައް އިތުރުކޮށްފައިވާ ކަމަށްބުނެ މީގެ ކުރިން ވެސް އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.