ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ގދ. ކޫއްޑޫ އެއާޕޯޓާ ދެމެދު ވައިގެ ސީދާ ދަތުރުތައް ފަށަން މޯލްޑިވިއަން އިން ނިންމައިފިއެވެ.
މޯލްޑިވިއަން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ އިތުރަށް ވިޔަފާރީގެ ގުޅުންތައް އިތުރުވެ، ދެކުނު ސަރަހައްދުގެ ތަރައްގީއަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
އޭގެ އިތުރުން އެ ދަތުރުތަކުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ހުވަދުއަތޮޅަށް ދަތުރުތައް ކުރެވޭނެ މަގުފަހިވެގެން ދާނެ ކަމަށްވެސް ބުންޏެވެ.
މޯލްޑިވިއަން އިން ބުނެފައިވާ ގޮތުން އެ ދަތުރުތައް ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އަދި ގަން އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާ ދެމެދު ހަފުތާއަކު ދެ ދަތުރު ބާއްވާނެ ކަމަށް ބުންޏެވެ.
އެގޮތުން އައްޑޫއިން ކޫއްޑޫއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހުގެ މެންދުރު 11:55 ގަ އެވެ. ކޫއްޑޫއިން އައްޑޫއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:30 ގައެވެ.
މޯލްޑިވިއަން އިން ބުނީ، އެ ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިއަދުން ފެށިގެން އެ ކުންފުނީގެ ސޭލްސް ޗެނަލްތަކުގެ އިތުރުން ވެބްސައިޓް، މޯބައިލް އެޕް، ޓިކެޓިން އޮފީސް އަދި ސޭލްސް އެޖެންޓުން މެދުވެރިކޮށް ނެގޭނެ ކަމަށެވެ.
އައްޑޫ އާއި ކޫއްޑޫއާ ދެމެދު ދަތުރުތައް ފެށުމަކީ ދިވެހީންގެ އިތުރުން ފަތުރުވެރިންނަށް ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފަތުރު ކުރުމުގައި ލުއި ފަސޭހަކަން ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ދަތުރުތަކާއެކު ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ހުވަދުއަތޮޅަށް ދަތުރުތައް ކުރެވޭނެ މަގުފަހިވެގެން ދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު