ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން އެ ބޭންކުގެ ހިއްސާ ދާރުންނަށް ހިއްސާއަކަށް 50 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިޔަ އަހަރަކީ އެ ބޭންކަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދުނު އަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ބީއެމްއެލްގެ ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއާ އެކު ހިއްސާ އަކަށް ބަހަން ކަނޑައެޅި 50 ރުފިޔާއަކީ މިހާތަނަށް އެ ބޭންކުން ހިއްސާ ދާރުންނަށް ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދު ކަމަށާއި ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅާނެ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކަށް ރެކޯޑް ނަތީޖާއެއް ހޯދުނުކަމީ އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށާއި މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

"ބޭންކުގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައި. މިއީ ބޭންކުގެ ތާރީހުގައިވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު،" އޭނާ ވިދާޅުވިއެވެ.

ކާލް އިތުރަށް ވިދާޅުވީ އޭނާ ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރު ކަމަށާއި މި ނަތީޖާއާ އެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ބޭންކުން ސަރުކާރަށް ދައްކާނެ ކަމަށެވެ.