ޓައިވާނަށް އައި ބާރުގަދަ ބިންހެލުމަށްފަހު ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ވޭތުވެދިޔަ 25 އަހަރު ތެރޭ ޓައިވާނަށް އައި އެންމެ ބާރުގަދަ ބިންހެލުން އައިސްފައިވަނީ އެގައުމުގެ ހުއާލިއާން ސިޓީއަށެވެ. ރެކްޓާ މިންގަނޑުން 7.4 މެގްނުޓިއުޑްގެ ބާރުގަދަ އެ ބިންހެލުމުގެ ލޮޅުންތައް ވެރިރަށް ޓައިޕޭއާ ހަމަ އަށް ހުރިކަމަށް އޮފިޝަލުން ބުނެއެވެ. ވެރިރަށް ޓައިޕޭ އަކީ ހުއާލިއާން ސިޓީއާ 100 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ.

ބުދަ ދުވަހު އައި އެބިންހެލުމުގައި މަރުވި މީހުންގެ އަދަދު ނުވަ އަކަށް އަރާފައިވާ އިރު މިހާތަނަށް 900 އަށް ވުރެން ގިނަ މީހުންނަށް އަނިޔާ ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކެއް ވެއްޓި މަގުތަކަަށާއި ޓަނަލް ތަކަށް ބޮޑެތި ގެއްލުން ވެފައިވާ އިރު، ރެސްކިއު ޓީމުތަކުން ދަނީ ވެއްޓުނު އިމާރާތްތަކާއި ޓަނަލް ތަކުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޮފިޝަލުން ވަނީ މިހާތަނަށް 127 މީހުން ވެއްޓުނު އިމާރާތްތަކާއި ޓަނަލް ތަކުގައި ތާށިވެފައިވާ ކަމަށް ރިޕޯޓު ލިބިފައިވާކަމަށް ބުނެފައެވެ.

ބިންހެލުމަށް ފަހު ސުނާމީގެ އިންޒާރު ވެސް އައްސޭރިފަށުގެ ސަރަހައްދުތަކަށް ދީފައިވާ އިރު، އަވަށްޓެރި ޖަޕާނާއި ފިލިޕީންސް އަށްވެސް ސުނާމީގެ ނުރައްކާ އޮތުމާއެކު އިންޒާރު ވަނީ ދީފައެވެ. އޮފިޝަލުން ވަނީ ފަހުން ސުނާމީގެ އިންޒާރު އުވާލާފައެވެ.