މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑުއަށް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސީޕްލޭންގެ ދަތުރުތައް އެ ރަށަށް ފެށުމަށް އިނީޝިއަލް ސާވޭއަށް މޯލްޑިވިއަންގެ ބޯޓެއް އެ ރަށަށް މިއަދު ގޮސްފައިވާ ކަމަށެވެ.

"މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން. އުންމީދަކީ ދަތުރުތައް ވަރަށް އަވަހަށް ފެށިގެން ދިއުން" ކަރަމް ވިދާޅުވިއެވެ.

އއ. ތޮއްޑޫއަކީ ކ. މާފުށި ނަގާފައި އެންމެ ގިނައިން ޓޫރިސްޓު އެނދު ހުރި އެއް ރަށެށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 100 އާއި 150 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ތޮއްޑުއަށް ދެއެވެ.

މޯލްޑިވިއަނުން އަންނަނީ ލޯކަލް ޓޫރިޒަމް ފުޅާކޮށް ކުރާ ރަށްރަށަށް ސީޕްލޭން ދަތުރުތައް ފަށަމުންނެވެ. އެގޮތުން އެ ކުންފުނިން މިހާރު ބ. ފުޅަދުއަށް ވަނީ ސީޕްލޭންގެ ދަތުރުތައް ފަށައިފައެވެ.