ކަނޑުގެ ސަރަހައްދު ބަލަހައްޓަން "މެރިޓައިމް ސަވެއިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން"ގެ ނަމުގައި ހާއްސަ ސެކްޝަނެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި އުފައްދައިފިއެވެ.
ކަސްޓަމްސް އިން ބުނީ، ޑައިރެކްޓްރޭޓް އޮފް އެންފޯސްމެންޓް އެންޑް ބޯޑާ ސެކިއުރިޓީގެ ދަށުން ހިންގާ އެ ސެކްޝަންގެ ބޭނުމަކީ ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް ބެލެހެއްޓުމާއި މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރަން މަނާ ތަކެތި އެތެރެވުން ހުއްޓުވުމަށް ކަމާގުޅުންހުރި ފަރާތްތަކާއެކު ކަނޑުގެ އޮޕަރޭޝަންތައް ހިންގުމާއި ކަސްޓަމްސްގެ ކޮންޓްރޯލް ދަށުގައި ހުންނަ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމަށް ކަމަށެވެ.
އެ ސެކްޝަންގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރުމަށްޓަކައި ވަކި ހާއްސަ ލޯގޯއަކާއި ޔުނީފޯމެއް ފަރުމާކޮށްފައިވާއިރު، ސެކްޝަންގެ މަސައްކަތްތަކަށް ބޭނުންވާ އުޅަނދުފަހަރާއި އެހެނިހެން އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.
އެ އިދާރާ އިން ބުނީ، ކަސްޓަމްސް ސަރަހައްދުތައް ޕެޓްރޯލް ކުރުމަށް އުޅަނދެއް މީގެ ދެ އަހަރު ކުރީން ކަސްޓަމްސްއަށް ހޯދައި، އެ އުޅަނދު މިހާރުވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ޖަޕާން ސަރުކާރުން ކަސްޓަމްސްއަށް 30 ފޫޓުގެ ދެ ޕެޓްރޯލް ވެސަލް އާއި 85 ފޫޓުގެ ޕެޓްރޯލް ވެސަލްއެއް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ބުންޏެވެ.
އޭގެ ތެރެއިން 30 ފޫޓުގެ ދެ ވެސަލް އަންނަ މެއި މަހުގެ ތެރޭގައި އަދި 85 ފޫޓުގެ ވެސަލް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ ގެންނާނެ ކަމަށް ކަސްޓަމްސް އން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، އަލަށް އުފެއްދި ސެކްޝަންގެ މަސައްކަތަށް ބޭނުންވާ އުޅަނދާއި އެހެނިހެން ވަސީލަތްތައް ހޯދުމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ އާއި އެމެރިކާގެ "އެކްސްޕޯޓް ކޮންޓްރޯލް އެންޑް ރިލޭޓެޑް ބޯޑާ ސެކިއުރިޓީ އާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު