ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރު ފައިސާގެ މުއާމަލާތް ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ، މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބޭރުގެ ފާއިސާގެ މުއާމަލާތްތައް މިހާރު ކުރެވޭނެ ކަމަށާއި ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް މުއާމަލާތް ކުރެވޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިއަދު ގެނައި ބަދަލާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަކީ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭ ފަރާތްތަކެއް ކަމަށާއި މިކަމުގެ ސަބަބުން އެފަރާތްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

"އެފާރަތްތަކަށް އެހީތެރިވުމުގެ މުހިންމުކަމަށް ބަލައި ގެނެވުނު ބަދަލެއް މިއީ. އަދި ހަމައެހެންމެ މިއީ ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް،" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލުން އިތުރަށް ބުނީ، މި ބަދަލާ އެކު ކަސްޓަމަރުންނަށް، ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާ ކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

އެ ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުން ކުރެވޭނެ ކަމަށް ބުންޏެވެ.

ރާއްޖޭން ބޭރުގެ އޮންލައިން ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ، ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ބީއެމްއެލް އިން ހުއްޓާލީ 2020 ވަނަ އަހަރެވެ.

ރާއްޖެއަށް އީ-ވޮލެޓް ނުވަތަ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ރިޔާސީ ކެމްޕޭން ޖަލްސާތަކާއި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ބޭއްވި ބައެއް ބައްދަލުވުންތަކުގައި ވެސް ވިދާޅުވެފައެވެ.

އެގޮތުން މިމަހުގެ 21 ގައި "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ އީ ވޮލެޓް ތައާރަފުކުރުމުގެ މަސައްކަތް މެއި މަހުގެ ކުރިން ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް އެ ދުވަހު ވިދާޅުވެފައިވަނީ ރާއްޖޭގައި އީވޮލެޓްގެ ޑިޖިޓަލް ހިދުމަތް ގާއިމުކޮށް، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށުމަށް އެމެރިކާ ސަރުކާރާއެކު މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ.