ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް (ޕީޕީއެމް) އަށް އެއްވެސް ދިރުމެއް ދޭން މިހާރުގެ ރައީސް އަދި ޕްރޮގްރެސިވް ކޯލީޝަންގެ ޕީއެންސީގެ މިހާރުގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާކަން ހާމަވަމުންދާ ކަމަށް، އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ހޫނު ރައްދުތަކެއް ރައީސް ޔާމީނަށް އަމާޒު ކުރައްވައިފިއެވެ.

ރައީސް ޔާމީންގެ އާ ޕާޓީ އެމްއެންއެފްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބާއްވާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މިފަހަރުގެ މަޖިލީހަށް ޕީޕީއެމްގެ ނަމުގައި މެންބަރު ކަމަށް ވާދަކުރަން ރައީސް މުއިއްޒު ފުރުސަތު ނުދެއްވިކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން މިހާރުވެސް ޕީޕީއެމްގެ ދަފްތަރުގައި ތިއްބެވި މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު އާއި މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުއަށް މަޖްބޫރު ކުރުވައިގެން ޕީއެންސީގެ ނަމުގައި މި ފަހަރު މަޖިލީހަށް ވާދަކުރުވާ ކުރުވުމުން ފެނިގެން ދަނީ ޕީޕީއެމް ފަސްއަޅައި ވަޅުލަން ސަރުކާރުން ކުރާ މަސައްކަތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވައި، ސަރުކާރުގެ ސީނިއާ މިނިސްޓަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ޕީޕީއެމަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭނެ ގޮތް އެނގޭނީ އެ ޕާޓީގެ ލީޑަޝިޕަށް ކަމަށެވެ. އަދި ޕީޕީއެމާއި ޕީއެންސީ ހިންގަމުންދަނީ ވަރަށް ބަދަހި ގުޅުމެއްގެ ތެރެއިން އެކަތިގަނޑެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ. އެ ދެޕާޓީގެ ލީޑަރަކީ ޑރ. މުއިއްޒުކަން ފާހަގަ ކުރައްވައި އަބުދުއްރަހީމް ވިދާޅުވެފައި ވަނީ "މުއިއްޒު ދުވެލީ" ގައި ދެ ޕާޓީ އާއި ގައުމު ދަނީ ކުރިއަށް ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަ ފުޅަކީ ފިތުނަ އާއި ބައިބައި ކުރުވުންކަން ފާހަގަ ކުރައްވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީގެ ރައީސްގެ ގޮތުގައި މުއިއްޒު ގެންދަވަނީ ހުއްޓުމެއްނެތި އެތައް ކުރިއެއުމެއް ހޯއްދަވައި ދެއްވަމުން ކަމަށެވެ.

"ގައުމު ބިނާކޮށް އާ ޒަމާނަކަށް މުހިއްމު ގިނަ ކަންތައް އެ ގެންދަނީ ތަންފީޒު ކުރައްވަމުން، ފިތުނަަ އާއި ބައިބައި ކުރުމަކުން މޮޅު ނަތީޖާއެއް ނުނުކުންނާނެކަން އަބަދުވެސް ދަނީ ހާމަ ވަމުން،"

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމް އަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ހަގީގަތާ ހިލާފު ވާހަކަދައްކަވައި ރައްޔިތުންގެ ނަފުރަތު މިސަރުކާރަށް އަމާޒުކުރުވަން މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. އަދި އެފަދަ ބޭފުޅުން ތިއްބަވާނީވެސް ޕީޕީއެމްގައި ކަމަށާއި ރައީސް ގެ މިސަރުކާރުގެ ކާމިޔާބީ އަކީ ޕީޕިއެމްގެ ދިރުމާއި ކާމިޔާބު ކަމށްވެސް ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާޞު ބޮއިކޮޓް ކުރެއްވުމަށް ރައީސް ޔާނީން ގޮވައިލެއްވިކަން ފާހަގަ ކުރައްވައި، މިނިސްޓަރު ފެންވަރުގައި އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޕީޕީއެމް ޕީއެންސީގެ ލަޝްކަރު މަގުމަތި ނުކޮށް، އިންތިހާބު ވެސް ބޮއިކޮޓް ނުކޮށް ދިވެހީންގެ ރާއްޖެ އަށް ދަތުރު ކުރުމަށް ކެއްތެރިކަމާއެކު ކުރެއްވި މަސައްކަތުން ކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީގެ ލަޝްކަރު ވަރުގަދަކޮށް ގައުމު ބިނާ ކުރުމުގައި ރައީސް މުއިއްޒު ދެމި ހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.