ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، "ޕީއެސްއެމް"އަށް ރައީސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަހަރުގެ ތިންވަނަ ކުއާޓަރަށް ދާއިރުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަޖެޓުގައި ހިމަނާފައި ހުރި ހައުސިން މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ފެށޭނެ ކަމަށާއި އެންމެ ލަސްވެގެން އޮގަސްޓް، ސެޕްޓެމްބަރު ހިސާބުގައި އެ މަޝްރޫއުތައް ފެށިގެންދާނެ ކަމަށެވެ. އަދި ޗައިނާއާއެކު ސޮއިކުރެވުނު އެކިކަހަލަ އެއްބަސްވުންތަކުގެ ތެރެއިން ގުޅިފަޅު، ގިރާވަރުފަޅު އަދި ރަސްމާލޭގައި ވަރަށް ގިނަ ހައުސިން މަޝްރޫއުތައް ހިންގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޖުމުލަގޮތެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޗައިނާގެ އެކި އެމްއޯޔޫތަކުގެ ދަށުން ފައިނޭންސް ހަމަޖެހެމުންދާ ވަރަކުން، އެގްޒިމް ބޭންކް ފައިނޭންސް މައިގަނޑުގޮތެއްގައި، އެކި ކަހަލަ ލުއި ލޯނުތައް ހަމަޖެހިގެންދާނެ. އަދި އޭގެ އިތުރަށް އަޅުގަނޑުމެންނަށް ޑިވެލޮޕާ ފައިނޭންސް، ޑިވެލޮޕްމަންޓް ބޭންކެއް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްގެންދެވޭނެ. އެހެންވީމާ އެކި މޮޑެލްތަކުގެ ތެރެއިން އަޅުގަނޑުމެން މާލެ ސަރަހައްދުގައި އަދި ބޮޑެތި އާބާދީތަކުގައި ހައުސިން މަޝްރޫއުތައް މިއަހަރު ފެށޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޝްރޫއުތައް ފެށުން ލަސްވެފައިވަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކޮށްދީފައި އޮތް ގޮތުން ކަމަށާއި މަޝްރޫއުތައް ކުރީ ބައިގައި ހިންގޭނެ ކަހަލަ ގޮތަކަށް އަދަދުތައް ހިމަނައިދޭން އެދުނު ނަމަވެސް، ވައުދުތައް ފުއްދޭނެ ކަހަލަ މަގެއް ހޯދައިދޭން އިދިކޮޅުން ބޭނުންނުވި ކަމަށެވެ. އެހެންކަމުން އެކިކަހަލަ ދަތިތައް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މަޝްރޫއުތައް ނުނިންމޭ ވަރަށް، ނުފެށޭ ވަރަށް ފައިސާ ހިމަނާފައި ހުރީ. މިސާލަކަށް 50 ޔުނިޓުގެ ހައުސިން މަޝްރޫއެއް ހިންގަން ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ބޭނުންވާ ކަމަށްވަންޏާ އަޅުގަނޑުމެން އެންމެ ކުޑަމިނުން އޭގެ ދެބައިކުޅަ އެއްބައި ބަޖެޓުގައި ހިމަނަން ބޭނުންވޭ. އޭރުން އެޑްވާންސް ޕޭމަންޓް ދީފައި މަސައްކަތް އެކަށީގެންވާ ވަރަކަށް މެއި، ޖޫން ހިސާބުގައި އެންމެ ލަސްވެގެން ފެށޭނީ. އެކަމަކު ހިމަނައިދީފައި މި އޮންނަނީ އެ ވަރުގެ މަޝްރޫއެއް ހިންގަން ވެސް ފަސް މިލިއަން ރުފިޔާ، ދިހަ މިލިއަން ރުފިޔާ. އެއީ މީގެ ކުރިން އެކަން ކޮށްފައި އޮތް ގޮތެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ހިނގަމުންދާ މަޝްރޫއުތައް ނިންމޭވަރާ ގާތަށް ވެސް ބަޖެޓުގައި ފައިސާ ހިމަނައިދީފައި ނުވާ ކަމަށާއި އަންނަ އަހަރާ ހަމައަށް ވެސް އެ މަޝްރޫއުތައް ލަސްކުރުމަށް އޮތީ މަޖުބޫރުކުރުވާފައި ކަމަށެވެ. އަދި އެއީ އިދިކޮޅުން ރައްޔިތުންނަށް އުނދަގޫކުރުމަށް ކުރަމުންދާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.