ރާއްޖޭން ބޭސް ލިބޭ އަގު ސަރަހްދީ ގައުމުތަކަށްވުރެ 70 ގުނަ ބޮޑު ކަމަށް މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ދިނުމަށް ރައީސް ނިންމަވާފައިވާއިރ،ު އެ ތަންތަނުން އާސަންދަ ލިބޭނީ ކޮން ހިދުމަތްތަކެއްތޯ އާއި އިންޑިއާ އިން މިހާރު ލިބޭ ހިދުމަތްތައް އެއަށްވުރެ އަގުބޮޑުކޮށް ހޯދުމަށް ތައިލެންޑް އާއި ޔޫއޭއަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވޭތޯ އާއި މިހާރު އޮތް ބަޖެޓުން އެކަން ހަމަޖައްސާނަމަ ހިދުމަތް ދެވޭ މީހުންގެ އަދަދު އޮޅުން ފިލުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އާސަންދަ ނިޒާމު މިހާރު ހިނގަމުން އަންނަ ގޮތުން ވަރަށް ބޮޑު އިސްރާފުތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު މުޅި އާސަންދަ ސްކީމަށް އެއް ބިލިއަން ރުފިޔާ ބަޖެޓް ކުރި ނަމަވެސް އެ އަހަރު ނިމިގެންދިޔައިރު 2.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވަނީ ބޭހަށް ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖޭގައި ލިބެން ހުރި ބޭހުގެ އަގުތަަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު 70 ގުނަ ބޮޑު އަގުތަކެއް އަދި ދުނިޔޭގެ ބާޒާރުގައިވެސް ބޭސް ލިބެން ހުންނަ އަގުތަކަށްވުރެ ދޮޅު ގުނަ، 1.5 ގުނަ ބޮޑު ކަމަށް ވޯލްޑް ބޭންކުންވެސް ވަނީ ފާހަގަކޮށްފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަހަރަކަށްވުރެ އަހަރަކު އާސަންދައަށް ކުރާ ހޭދަ ބޮޑުވަމުން ގޮސްފައިވާއިރު 2023 ވަނަ އަހަރު ނިމުނުއިރު އާސަންދައިގެ ހަރަދުތައް ހުރީ 2018 ވަނަ އަހަރާ އަޅާބަލާއިރު 40 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި އާސަންދަ ސްކީމަށް ހިނގި ހަރަދުތައް އެވެރެޖުކޮށް 61 ޕަސެންޓް އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީގެ ނިސްބަތުން ގައުމުގެ ހޭދައަށް ބަލާއިރު މުޅި ޖުމުލަ ގޮތެއްގައި ސިއްހީ ދާއިރާއަށް ދައުލަތުން ކުރާ ހޭދަ ހުރީ ތަރައްގީވެފައިވާ ގައުމުތަކާ ދާދި އެއްމިންވަރެއްގައި އަދި މިއީ މި ސަރަހައްދުގެ ގައުމުތަކާ އަޅާބަޅާއިރު ސިއްހީ ހޭދަ ދެ ގުނަ ބޮޑު މިންވަރެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު