އަމާޒަކީ ހާއްސަ ބަލިތަކަށް އައިޖީއެމްއެޗުން ހިދުމަތް ހޯދަން އެތައް މަސްތަކެއް ވަންދެން ތިބެންޖެހޭ މައްސަލައަށް ވެރިކަމުގެ މި ފަސް އަހަރު ނިމޭއިރު ހައްލު ހޯދައިދިނުން ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓް ހަދައިގެން ހިތުގެ ބަލިތައް ފަދަ ސީރިއަސް ބަލިތަކުގެ މީހުން ފަސްމަސް ހަ މަސްވަންދެން ތިބެންޖެހުމަކީ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ލިބި ނުރައްކާތަކެއް ދިމާވާކަމެއް ކަމަށްވާތީ އެކަމަށް ހައްލު ގެނައުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް މެންބަރުން މިނިސްޓަރު ހަލީލާ ކުރެއްވި ސުވާލަށް ޖަވާބުދެއްްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ އެބޭފުޅުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އެޕޮއިންޓްމެންޓްތައް އާންމުގޮތެއްގައި ދަތިކޮށް ލިބެނީ، ވަރަށް ކިއުބޮޑުކޮށް ބައެއް ޑޮކްޓަރުންނަށް، ހާއްސަ ގޮތެއްގައި، ބައެއް ސްޕެޝަލިޓީސްތަކުގައި އަޅުގަނޑުމެންނަށް މި ފާހަގަކުރެވިގެންދަނީ، އެކަން ފަސޭހަ ކުރުމަށްޓަކައި އެއް ކަމަކަށް އަޅުގަނޑުމެން
މި ކުރާކަމަކީ، ޑޮކްޓަރުންގެ ވަގުތު އިތުރުކުރެވޭތޯ މަސައްކަތްކުރުން، ޑޮކްޓަރުންނާ ވާހަކަދައްކައިގެން،" މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން ހޮސްޕިޓަލުން އެކަމަށް އިތުރު ޕްލޭންތަކެއް ކުރިއަށް ގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކަން ހައްލު ކުރުމަށްޓަކައި އައިޖީއެމްއެޗުން މިހާރު ޕްރޮޕޯސަލެއް ތައްޔާރު ކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން އެކަމަށް ވަކި އޮނިގަނޑެއް ތައްޔާރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެބޭފުޅުން ވެސް އެބަ ތައްޔާރުކުރައްވާ ވަކި އޮނިގަނޑެއް އެ ތަނުގައި ހިދުމަތް އިތުރަށް ދެވޭނީ ކޮންގޮތަކަށްތޯ ބެލުމަށް، އޭގެތެރޭގައި އަޅުގަނޑު ހަމަ ވަރަށް އުފަލާއެކު ފާހަގަކުރަން ޑޮކްޓަރުން އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް މީގެ ތެރޭގައި ހަމަ ހިމެނިގެންދާނެ،"
މިނިސްޓަރު ވިދާޅުވީ އަމާޒަމީ މި ފަސް އަހަރު ނިމިގެންދާއިރު އެކަމަށް ބޮޑު ހައްލެއް ގެނައުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު