ލޯނު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލި ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފިއެވެ.
އެސްޑީއެފްސީން މިއަދު މީޑިއާތަކަށް ބުނީ އެސްޑީއެފްސީން ދޫކުރަމުންދާ ލޯނުތަކުގެ ތެރެއިން، މަސްވެރިކަމާ ގުޅުންހުރި ދާއިރާއަށް "ކަނޑުފަޅު ނަފާ" ލޯނު ޕްރޮޑަކްޓްތަކުގެ ދަށުން، ފަރުމަހުގެ މަސްވެރިކަމަށް ހާއްސަ ކެޓަގަރީއެއް އިތުރުކުރެވި އަދި "ދަނޑުވެރި ނަފާ" ލޯނު ޕްރޮޑަކްޓުގެ އިތުރުން އަންހެނުން ޝާމިލުވާ ވިޔަފާރިތަކަށް "ފަށާ މަދަދު" ގެ ލޯނު ޕްރޮޑަކްޓުގެ ދަށުން މިހާރު ވެސް ލޯނަށް ހުށަހެޅެން ހުންނާނެ ކަމަށެވެ.
"މި ދާއިރާތަކުން ކަނޑައަޅާފައިވާ ލޯނުތަކަށް އެސްޑީއެފްސީގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދުމުގެ ފުރުސަތު ވަނީ ކަސްޓަމަރުންނަށް މިހާރު ވެސް ހުޅުވާލެވިފައެވެ. އަދި މިއަހަރުގެ މިހާތަނަށް ވެސް ކަސްޓަމަރުންގެ ފަރާތުން މި ދާއިރާތަކުގެ ލޯނު ހޯދުމަށް އެދި ގިނަ ހުށަހެޅުންތަކެއް ލިބެމުންދާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ" އެސްޑީއެފްސީން ބުންޏެވެ.
ކުދި އަދި މެދު ވިޔަފާރިތަކަށް ލޯނުން ދިނުން ހުއްޓާލާފައިވާ ކަމަށް ބުނެ ދޮގު ހަބަރު ފަތުރަމުންދާތީ ހިތާމަކުރާ ކަމަށެވެ. އަދި އެފަދަ މައުލޫމާތު ނުފެތުރުމަށް އެސްޑީއެފްސީން ވަނީ އެދިފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި