ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ، ސިއްހީ މައްސަލައަކާ ހެދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދުކުރުން މެދުކަނޑާލައްވައިފިއެވެ.

މި އަހަރުގެ ރޯދަ މަސް ފެށުނީއްސުރެ ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރައްވަމުން ގެންދެވީ ހުޅުމާލޭ ރަޝީދު މިސްކިތުގަ އެވެ. މިދިޔަ އަހަރުވެސް ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރެއްވީ އެ މިސްކިތުގައެވެ.

ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން ޑޮކްޓަރުގެ ލަފާގެ މަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސް ކުރުން މެދުކަނޑާލަން ނިންމަވާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ސާޖަރީއަކަށް ދާނެތީ، އާންމުންގެ ހެޔޮ ދުއާއަށްވެސް އެދިވަޑައިގެންފައިވެއެވެ.

“ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުންމީދުކުރަން. އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުގުވެރިކަމާއެކު ކުރާ ކަމެއް. މާތް ﷲ ތައުފީގު ދެއްވާށި،” ޝަހީމުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޝަހީމަށް ދިމާވީ ކޮން ސިއްހީ މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.