މަންޓާ އެއާގެ އިންޑިއާ އެޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) އިން އިންޑިއާގައި ޓްރެވަލް ފްރެޓަނިޓީއަށް ރޯޑްޝޯއެއް އިންތިޒާމްކޮށްފިއެވެ.

މަންޓާ އެއާއިން ބުނީ ކަނޑިމާ ރިސޯޓް، ނިޔާމަ ރިސޯޓު އަދި އާރްއައިޔޫ ހޮޓަލްސްއާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ކުރިއަށްދިޔަ އެ ރޯޑްޝޯގައި މަންޓާ އެއާގައި ދ. އަތޮޅު އެއާޕޯޓަށް ދަތުރުކުރުމަށް ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ރޯޑްޝޯގައި ރަނގަޅު ފީޑްބެކްތަކެއް ލިބިފައިވާ ކަމަށާއި ހޫނު މޫސުމުގެ ޗުއްޓީ ސީޒަންގެ ފައިދާ ނަގަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މަންޓާއިން ބުންޏެވެ.

މަންޓާ އިން ބުނީ، ފީޑްބެކްތަކަށް ބަލައި ހަނީމޫނަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އިތުރުން ތަފާތު ތަޖުރިބާތައް ހޯދުމަށް އެކި ތަންތަނަށް ދަތުރުކުރާ މީހުންނަށް އަމާޒުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދ. އަތޮޅު އެއާޕޯޓާއި ބެންގަލޫރާ ދެމެދު މަންޓާއިން ހަފުތާއެކު ތިން ދަތުރު މިހާރު ބާއްވައެވެ. އެ ދަތުރުތައް ބާއްވަނީ އަންގާރަ، ހުކުރު އަދި ހޮނިހިރުގައެވެ.

މަންޓާއިން މިވަގުތު ބޭނުންކުރަމުންދަނީ އޭޓީއާރް72-600 މަރުކާގެ މަތިންދާ ބޯޓެކެވެ. އެއީ 64 މީހުންގެ ފުލައިޓެކެވެ. އަދި ޕަސެންޖަރުންނަށް އިތުރު ފަސޭހަތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ފުލައިޓް ރީޑިޒައިންކޮށް 16 ލަގްޒަރީ ސްޕެޔާ ކްލާސް ޕްރީމިއަން އިކޮނޮމީގައި ހިމަނާފައިވާއިރު 48 ސްޕޭޝަލް ކޮމްފޯޓް ކްލާސް އިކޮނޮމީގައި ހިމަނާފައިވެއެވެ.

އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ޕަސެންޖަރުންނަށް ބެގޭޖް އެލަވަންސްގެ ގޮތުގައި 20 ކިލޯ އަދި ހެންޑް ބެގޭޖް ގޮތުގައި ހަތް ކިލޯ ލިބޭނެއެވެ. ޕްރީމިއަމް އިކޮނޮމީގެ ޕަސެންޖަރުންނަށް 25 ކިލޯ ޗެކްޑް ބެގޭޖާއި ހަތް ކިލޯގެ ހެންޑް ބެގޭޖް ލިބޭނެއެވެ.