ހާއްސަ އަގެއްގައި ބެންގަލޫރަށް ދަތުރުކުރުމަށް މަންޓާ އެއާ އިން އީދު ޕްރޮމޯޝަނެއް ފަށައިފިއެވެ.

މަންޓާ އެއާ އިން އިއްޔެ ބުނީ އީދު ޕްރޮމޯ އިން ދ. ކުޑަހުވަދޫން ސީދާ ބެންގަރޫލަށް ދަތުރުކުރެވޭނެ ކަމަށާއި ދެކޮޅު ޓިކެޓު 300 ޑޮލަރަށް ލިބޭނެ ކަމަށެވެ.

އެ ޕްރޮމޯގައި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު ތިން ދުވަހުއެވެ. އެއީ ހުކުރު، އާދީއްތަ އަދި އަންގާރަ ދުވަސްތަކުގައެވެ. އެ ޕްރޮމޯގައި ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ އިރު، އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބުކް ކުރަން ޖެހެއެވެ. އަދި އެ ޕްރޮމޯ މެދުވެރިކޮށް ނަގާ ޓިކެޓުތަކުން އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ދަތުރުކުރަން ޖެހެއެވެ.

މަންޓާ އިން ބުނީ ޓިކެޓު ނެގުމަށް ވައިބާ މެދުވެރިކޮށް ނަމަ، 7260596 އަށް މެސެޖުކޮށްގެން އަދި އީމެއިލް މެދުވެރިކޮށް ނަމަ، [email protected] އަށް އީމެއިލްކޮށްގެން ޓިކެޓު ނެގޭނެ ކަމަށެވެ. އޭގެ އިތުރުން ކުޑަހުވަދޫގައި ހުންނަ ޕެސެންޖާ ސޭލްސް އެޖެންޓް (ޕީއެސްއޭ) ތަކުން ވެސް ޓިކެޓު ނެގޭނެ ކަމަށް މަންޓާ އިން ބުންޏެވެ.

މަންޓާ އެއާ އިން އިންޑިއާގެ ބެންގަލޫރާއި ކުޑަހުވަދޫއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގައެވެ.