ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަޅާލައިފައި ނުވާ ކަމަށާއި ވަރަށް އަވަހަށް ހިޔާ ޓަވަރުތައްވެސް ހުންނަ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި މީހަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ހިޔާ ސަރަހައްދުގައި މީހުން އުޅެން ފެށި ފަހުން ފުރިހަމަ ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްފައިނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ހިޔާ ސަރަހައްދުގައި އެކި ކަހަލަގެ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ވަރަށް އަވަހަށް ގާއިމްކޮށްދެއްވާނެ ކަމަށާއި އެ ކަމުގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ފައްޓަވާނެ ކަމަށެވެ.

"ހިޔާ ސަރަހައްދަކީ އެންމެ ގިނަ ރައްޔިތުން އުޅޭ ސަރަހައްދުކަމަށްވާތީ ވަރަށް އަވަހަށް ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް އަދި އެހެން ފަރާތްތަކާ ވެސް ގުޅިގެން އެކި ކަހަލަ ކުޅިވަރު ކުޅެވޭ ވަސީލަތްތައް [ހިޔާއަވަށުގައި] ގާއިމު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހިޔާ ސަރަހައްދުގައި އަންހެނުންނަށް ހާއްސަ ހެންޑްބޯލް ކޯޓުތަކާއި އެކި ކަހަލަގެ ކުޅިވަރު ކޯޓުތައް ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ހިޔާ ސަރަހައްދުގައި މިހާރު ހުރީ ފުޓްސަލް ދަނޑުތަކެއް އެކަންޏެވެ.