ހއ. އުލި ގަމާއި ތުރާކުނުގައި އިމާރާތްކުރަމުންދާ ސްކޫލްގެ މަސައްކަތް އަންނަ ދިޔާސީ އަހަރަށް ނިންމައިލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

އުލިގަމާއި ތުރާ ކުނުގައި އިމާރާތް ކުރަމުންދާ ސްކޫލްގެ މަސައްކަތް ވަަރަށް ލަސްވެފައިވާއިރު، އަންނަ ދިރާސީ އަހަރު އެ ދެ ސްކޫލް ހުޅުވޭނެ ކަމުގެ ކަންބިޑުވުން އެ ދެރަށުގެ ރައްޔިތުންގެ މެދުގައި އޮތް ކަމަށް ވިދާޅުވެ އެ ދެ ސްކޫލާ ބެހޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

މެންބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ދެ ސްކޫލްގެ ޕްރިންސިޕަލުންނާ ވާހަކަ ދައްކައި ދިރާސީ އާ އަހަރަށް އެ ދެ ސްކޫލް ނިމޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

އެ ތަނުން އެއް ސްކޫލްގައި މިހާރު ކުރިއަށް ދަނީ ތަށިމުށި ޖެހުމުގެ މަސައްކަތްކަމަށްވެސް ވިދާޅުވިއެވެ. ނަަމަވެސް އޭގެ ތެރެއިން އެއް ސްކޫލްގެ މަސައްކަތަށް ބޭނުންވާ ތަކެތި ލިބުމުުގައި ސަތިތަކެއް އުޅޭކަން އެ މަސައްކަތް ކުރާ ފަރާތުން ފާހަގަ ކޯށްފައިވާތީ، މިނިސްޓްރީ މެދުވެރިވެގެން އެކަން ހައްލު ކުރުމުގެ ކަންތައް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އަންނަ ދިރާސީ އަހަރު ނިމޭއިރު އެ ދެ ސްކޫލްގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.