ކ. މާފުށީގެ ދަރިވަރުންނަށް ވިލާ ކޮލެޖުން ސްކޮލާޝިޕް ދޭން ނިންމައި، އެރަށު ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބެވެ. އަދި މާފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލް ރައީސް ހަސަން ސަލާހެވެ.

ވިލާ ކޮލެޖުން މިއަދު ބުނީ މި އެއްބަސްވުމަކީ މާފުށީގެ ތައުލީމީ ހާލަތު ރަނގަޅުކޮށް ތައުލީމީ ޖީލެއް ބިނާކުރުމަށް އެ ރަށުގެ ކައުންސިލުން ވިލާ ކޮލެޖާ އެކު ސޮއި ކުރި އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން މާފުށި ކައުންސިލުން ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ވަކި އަދަދަކަށް ވިލާ ކޮލެޖުގައި ކިޔެވުމަށް ކޮންމެ އަހަރަކު ވެސް ސްކޮލަޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވިލާ ކޮލެޖުން ބުނީ މި އެއްބަސްވުމުގެ ދަށުން އެ ރަށުގައި ވިލާ ކޮލެޖުގެ ކޯސްތައް ފެށުމަށް ބޭނުންވާ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކައުންސިލުން ބޭނުންވާ ދާއިރާތަކުން މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ވެސް އެ އެއްބަސްވުމުގެ ދަށުން އެ ކޮލެޖުން އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން އެ ކޮލެޖުގެ ކޯސްތައް މާފުށީ ކައުންސިލާ ގުޅިގެން ޕްރޮމޯޓުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.