ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ހުސައިން ސިރާޖު އިންތިހާބުކޮށްފިއެވެ.
ބާ ކައުންސިލްގެ ރައީސްގެ މަގާމުގެ އިންތިހާބު ބާއްވާފައިވަނީ އެ މަގާމުގައި ހުންނެވި އިސްމާއީލް ވިޝާމް އަވަހާރަވުމާ ގުޅިގެންނެވެ. އޭނާ އަވަހާރަވީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގައެވެ.
ބާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރެއްވީ ސިރާޖުގެ އިތުރުން މުހައްމަދު ފައިސަލްއެވެ. ސިރާޖަށް 224 ވޯޓު ލިބިވަޑައިގެންނެވި އިރު، ފައިސަލަށް ލިބިވަޑައިގެންނެވީ 172 ވޯޓެވެ.
ސިރާޖަކީ މަދަނީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތުކޮށްފައިވާ ވަކީލެކެވެ. ވަކާލާތު ކުރުމުގެ އިތުރުން އޭނާއަކީ ގާނޫނު ޑްރާފްޓު ކުރައްވާ ބޭފުޅެކެވެ. އަދި އޭނާއަކީ އެސް އެންޑް އޭ ލޯފާމުގެ ކޮންސަލްޓަންޓެއްގެ އިތުރުން ޗާޓާޑް އިންސްޓިޓުއުޓް އޮފް އާބިޓްރޯގެ މެމްބަރެކެވެ.
މީގެ އިތުރުން ސިރާޖު ގެންދަވަނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓާގެ ވައިސް ޗެއާމަންގެ މަގާމުންވެސް އަދާކުރައްވަމުންނެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ 16 އޭޕްރިލް 2019 ގައެވެ.
ބާ ކައުންސިލްގެ އެގްޒެޓިކް ކޮމެޓީގެ މެންބަރު ކަމަށްވެސް މިއަދު ވަނީ ބޭފުޅަކު އިންތިހާބުކޮށްފައެވެ. އެ މަގާމަށް ވާދަކުރެއްވީ ހަމައެކަނި އަހުމަދު ޝިފާއުއެވެ. އެހެންވެ ފެންނަ ނުފެންނަ ވޯޓުގައި ޝިފާއު އެ މަގާމަށް އިންތިހާބުކުރުމަށް 248 ވަކީލުން ވަނީ ވޯޓުލައިފައެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 88 ވަކީލުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު