ދިވެހި އަސްކަރިއްޔާގެ ވައިގެ ހިދުމަތް، އެއާ ކޯ އަދި ޑްރޯން ބޭނުން ކުރަން ފެށުމަކީ ހަތުރުން ހައިރާންވެގެން ދިޔަ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ނ. މާފަރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެމްއެންޑީއެފްގެ އެއާ ކޯ އިފުތިތާހުކޮށް، ޑްރޯން ބޭނުން ކުރަން ފަށައިފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ ދުނިޔޭގައި ހަނގުރާމައިގެ އޮއިވަރު ބަދަލުވަމުން އައިސް މިހާރު އެއް ގައުމުން އަނެއް ގައުމަށް އަރައި ފަތަހަ ކުރުން ވަނީ މަދުވެފައި ކަމަށެވެ. ގައުމުތައް ފަތަހަ ކުރުމުގެ ބަދަލުގައި މިހާރު ބޭނުން ކުރަމުންދާ އުކުޅަކީ ގައުމުތަކުގެ ސިޔާދަތާއި އިސްތިގުލާލަށް ނުފޫޒު ފޯރުވުމަށް ކަމަށް ގައްސާން ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އުޅުމުގެ ހައްގު އެބައޮތް ކަމުގައި ވިދާޅުވެ، ހަށި ފޮޅާލައި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ދިވެހީންގެ ވެސް ހައްގެއް ކަމަށް ވަރަށް ފާޅުގައި ވިދާޅުވެ، ކެރިގެން ކުރައްވާ ބުރަ މަސައްކަތުން، ހަލުވިކަމާއެކު ދިވެހި ލަޝްކަރު އަލުން އަތުރާލައްވައި ތި ހޯއްދެވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް،" ގައްސާން ވިދާޅުވިއެވެ.
ހަނގުރާމަ ކުރާ ގޮތާއި އަދި ދިފާއުތައް ބިނާކުރާ ގޮތް މިހާރު ބަދަލުވެފައިވާ ކަމަށް ގައްސާން ވިދާޅުވިއެވެ. ހަނގުރާމަތައް މިހާރު ބޮޑަށް ބަރޯސާ ވަނީ ޓެކްނޮލޮޖީއަށް ކަމަށާއި ހަނގުރާމައިގެ އުކުޅުތަކުގެ ގޮތުގައި މިހާރު ބޭނުން ކުރަނީ ސިފައިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުން މަދު ކުރެވޭނެ ގޮތްތަކެއް ކަމަށް ގައްސާން ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އަދި ކާރިސާތަކުގައާއި ކުއްލި ހާލަތްތަކުގައި ދިމާވާ ކަންތައްތަކުގައި ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކޮށް ރައްޔިތުންނަށް ލުއި ފަސޭހަތައް ހޯދައިދެވޭނެ ފެންވަރަށް ދިވެހި އަސްކަރިއްޔާ ގާބިލުވެފައިވާ ކަމަށް ގައްސާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު