އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު އަލީ ނަޝާތު އައްޔަންކޮށްފިއެވެ.

އީސީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ހަބީބު، މެންބަރެއްގެ ގޮތުގައި ދެ ދައުރު ފުރިހަމަކުރެއްވުމަށްފަހު އެ ކޮމިޝަނުން ވަކިވެވަޑައިގެންނެވުމުންނެވެ.

އީސީން މިއަދު ބުނީ އެ ކޮމިޝަނުގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ހަބީބު، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުގެ ދެ ދައުރު ފުރިހަމަކުރައްވާފައިވާތީ، އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ހަތްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިއަދު ބޭއްވި ކޮމިޝަނުގެ އާންމު ޖަލްސާއިން ނައިބު ރައީސްގެ މަގާމަށް ނަޝާތު އައްޔަންކޮށްފައިވާ ކަމަށެވެ.

އީސީގެ ނައިބު ރައީސަކަށް ނަޝާތު އައްޔަންކުރުމާ ގުޅިގެން ކުރިން އެ މަގާމުގައި ހުންނެވި ހަބީބު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝާތަށް ތަހުނިޔާ ދަންނަވައިފައެވެ. ހަބީބު ވިދާޅުވީ ނަޝާތަކީ އިންތިހާބުތައް ޒަމާނީ ފެންވަރަށް ގެންގޮސް، ޑިޖިޓަލައިޒް ނިޒާމަކަށް އީސީގެ ހިދުމަތްތައް ބަދަލުކޮށް ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނާއި، އެ ކޮމިޝަނުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފަންނުވެރިކަމާއި ގާބިލުކަން ހުރި ނައިބު ރައީސެއް ކަމަށެވެ.

އެންމެ ފަހުން އީސީގެ މެންބަރުކަމަށް ނަޝާތު އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ނޮވެމްބަރު 15 ގައެވެ.

އޭގެ ކުރިންވެސް ނަޝާތު ވަނީ އީސީގެ މެންބަރުކަން ކުރައްވައިފައެވެ. އީސީގެ މެންބަރުކަމަށް ނަޝާތު ފުރަތަމަ އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 25 ޖުލައި 2018 ގައެވެ.