ހައި ސީސް ނުވަތަ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މުއާހަދާގައި ރާއްޖެއިން ސޮއިކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މި ކަމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު، މަޖިލީހުން އަމީން އާއްމު މިއަދުގެ ޖަލްސާގައި އިއްވެވުމުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ހާރިޖީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވީ މަޖިލިސް ރައީސް މުހައްމަދު އަސްލަމެވެ.

އެ މުއާހަދާގައި ރާއްޖޭން ބައިވެރިވުމާ ގުޅޭ ގޮތުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ، އދ.ގެ އާންމު މަޖިލީހުގައި ފާސްކުރި އެއްބަސްވުން ކަމުގައިވާ "އެގްރީމަންޓް އަންޑާ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއަރޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" ނުވަތަ ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން އެ މަނިކުފާނަށް ލަފާދެއްވުމާ ގުޅިގެންނެވެ.

ދުނިޔޭގެ 83 ގައުމަކުން މިހާތަނަށް ސޮއިކޮށްފައިވާ އެ މުއާހަދާ އެކުލަވައިލުމަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަގުވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ.